ބިދޭސީން އެއްވެ އުޅޭ އާންމު ސަރަހައްދުތައް މޯލްޑިވްސް އިމިގްރޭޝަނުން މޮނިޓާ ކުރަން ފަށައިފިއެވެ. މި ކަމާއި ގުޅޭގޮތުން އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ފަހަކަށް އައިސް އާންމު ސަރަހައްދުތަކަށް އެއްވެ އުޅޭ ބިދޭސީންގެ މެދުގައި އާންމު މަސްލަހަތު ގެއްލޭފަދަ ކަންކަން ހިންގަމުންދާކަން ފާހަގަކުރެވިފައި ވާތީ، މި ފިޔަވަޅު އަޅަން ޖެހުނު ކަމަށެވެ.
އިމިގްރޭޝަނުން ބުނީ، މި ސަރަހައްދުތައް މޮނިޓާ ކުރަމުން ދަނީ އިމިގްރޭޝަންގެ އެންފޯސްމަންޓް އެންޑް ކޮމްޕްލަޔަންސް ޑިވިޝަންގެ އޮފިސަރުންނެވެ. އަދި އާންމު މަސްލަހަތަށް ނުރައްކާވާ ފަދަ އަމަލުތައް ތަކުރާރުވިޔަ ނުދިނުމަށް ޓަކައި މި ހަރަކާތް ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.
މީގެ އިތުރުން، މި ހަރަކާތްތައް ކުރިއަށްދާއިރު ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައެއް ފާހަގަވެއްޖެނަމަ، ޓާސްކުފޯހުން އެފަދަ ބިދޭސީންނާއި މެދު ފިޔަވަޅު އަޅާނެ ކަމަށް ވެސް އިމިގްރޭޝަނުން ހާމަކުރިއެވެ.
މި ފިޔަވަޅު އެޅުމަށް މަގުފަހިވި ކަންތައްތަކުގެ ތެރޭގައި، ފަހަކަށް އައިސް ހިނގާފައިވާ ބައެއް ހާދިސާތައް ހިމެނެއެވެ. މީގެ ތެރޭގައި މި ޖެނުއަރީ މަހު އާޓިފިޝަލް ބީޗުގައި ބިދޭސީންތަކެއް ހިންގި ހަމަނުޖެހުންތަކާއި، ބިދޭސީންތަކެއްގެ މެދުގައި ހިނގި މާރާމާރީއެއްގެ މަންޒަރު ރެކޯޑުކުރި ދިވެއްސަކަށް ހަމަލާދިން ހާދިސާ ހިމެނެއެވެ. މި ފަހުން ދެންނެވުނު ހާދިސާގައި ހަމަނުޖެހުން ހިންގި އިންޑިއާގެ މީހަކު އިމިގްރޭޝަނުން ވަނީ ޑިޕޯޓުކޮށްފައެވެ.









