މި އަހަރުގެ ޝަހީދުންގެ ދުވަސް ފާހަގަކުރަން ޚާއްޞަ ޙަރަކާތެއް ބާއްވަން ހެރިޓޭޖް މިނިސްޓްރީން ނިންމައިފި އެވެ.
ހެރިޓޭޖް މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މި ޙަރަކާތް ބާއްވަން ނިންމިކަން އިޢުލާން ކޮށްފައެވެ. ނަމަވެސް އެކަމާއި ގުޅޭ އިތުރު އެއްވެސް ތަފުޞީލެއް އަދި ނުދެއްވަ އެވެ.
ރާއްޖޭގައި ޝަހީދުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ ހިޖުރީ އަހަރެއްގެ ޝަޢުބާން މަހުގެ ފުރަތަމަ ދުވަހެވެ. މީލާދީ ކަލަންޑަރުން މި އަހަރު އެ ދުވަސް ދިމާވަނީ މި ޖެނުއަރީ މަހުގެ 31 ވަނަ ދުވަހާއެވެ.
ޝަހީދުން ދުވަހަކީ ޤައުމާއި މިނިވަންކަމަށްޓަކައި ހަނގުރާމަކޮށް ޝަހީދުވި ދިވެހި އަބުޠާލުންގެ ހަނދާނުގައި ފާހަގަކުރާ ދުވަހެކެވެ.






