ކޮންމެ އަހަރެއްގެ ޝައުބާން މަހުގެ ފުރުތަމަ ދުވަހު ދިވެހިރާއްޖޭގައި ފާހަގަކުރަމުން އަންނަ ވަރަށް ހާއްސަ އަދި ތާރީހީ ދުވަހެއް އޮވެ އެވެ. އެއީ ޝަހީދުންގެ ދުވަހެވެ. މި ދުވަސް ފާހަގަކުރަނީ ދިވެހި ފަސްގަނޑާއި، ދިވެހި އުއްމަތާއި، އަދި މަތިވެރި އިސްލާމްދީނަށްޓަކައި ލެޔާއި ފުރާނައިން ގުރުބާންވެވަޑައިގަތް މަތިވެރި އަބްތާލުންގެ ޒިކުރާ އާކުރުމަށެވެ.
ޝަހީދުންގެ ދުވަސް ނިސްބަތްވެވަޑައިގަންނަވަނީ، ހިޖުރީ ސަނަތުން 965 ވަނަ އަހަރުގެ ޝައުބާން މަހުގެ ފުރުތަމަ ދުވަހު، ޕޯޗުގީޒުންގެ އިސްތިއުމާރީ ބާރުތަކާ ދެކޮޅަށް ހަނގުރާމަކުރައްވައި އައްސުލްތާން އަލީ ހަވަނަ ސިރީ އައުދަ ސިޔާކަ ކައްތިރި ބަވަނަ މަހާރަދުން ނުވަތަ މަޝްހޫރު ނަންފުޅުން ނަމަ އަލީރަސްގެފާނު ޝަހީދުވެވަޑައިގަތް ދުވަހަށެވެ.
ޕޯޗުގީޒުންނާ ދެކޮޅަށް، އެއްވެސް ޖެހިލުމެއް ނެތި، ވެރި ރަށް މާލޭގެ ހުޅަނގު ފަރާތު އަތިރިމަތީގައި އެމަނިކުފާނު ކުރެއްވި ހިތްވަރުގަދަ ޖިހާދަކީ ދިވެހި ތާރީހު ދުށް އެންމެ ނަމޫނާ އެއް މިސާލެވެ. އެމަނިކުފާނު ޝަހީދުވެވަޑައިގަތީ އަމިއްލަ ނަފްސު އިސްކުރުމުގެ ބަދަލުގައި ދިވެހި ގައުމުގެ މިނިވަންކަމާއި މާތްވެގެންވާ އިސްލާމްދީނުގެ ހިމާޔަތުގައި ތެދުވެވަޑައިގެން ޕޯޗުގީޒުންނާ ދެކޮޅަށް ކުރެއްވި މަތިވެރި ޖިހާދުގަ އެވެ.
ޝަހީދުންގެ ދުވަހަކީ އަލީރަސްގެފާނު ޝަހީދުވެވަޑައިގެންނެވި ދުވަސްކަމުގައިވީ ނަމަވެސް، މި ދުވަސް ހާއްސަ ކުރެވެނީ ހަމައެކަނި އެމަނިކުފާނަކަށް ނޫނެވެ. ހަގީގަތުގައި މި ދުވަސް ފާހަގަކުރެވެނީ ދިވެހި ގައުމުގެ މިނިވަންކަމާއި، މާތްވެގެންވާ އިސްލާމްދީނުގެ ހިމާޔަތުގައި މަސައްކަތްކުރައްވައި ޝަހީދުވެވަޑައިގެންނެވި އެތައް ބަތަލުންނެއްގެ ޒިކުރާ އާކުރުމަށެވެ.
ރާއްޖޭގައި ޝަހީދުންގެ ދުވަހެއް އެންމެ ފުރަތަމަ ފާހަގަކޮށްފައިވަނީ 1980 ވަނަ އަހަރުގެ ޖޫން މަހުގެ 14 ވަނަ ދުވަހެވެ.
ޝަހީދުންގެ ދުވަސް ފާހަގަކުރުމުގެ މަގުސަދަކީ ކޮބާ؟
ޝަހީދުންގެ ދުވަސް ފާހަގަކުރުމުގެ އެންމެ މުހިންމު މަގުސަދަކީ ގައުމަށްޓަކައި ޝަހީދުވި އަބްތާލުންގެ ޒިކުރާ އާކޮށް، އެބޭކަލުންނަށްޓަކައި ހެޔޮ ދުއާކުރުމުގެ ގޮތުންނާއި، ކުރިއަށް އަންނަން އޮތް ޖީލުތަކުގެ ހިތްތަކުގައި ގައުމީ ލޯބި އާލާކޮށް، ދީނާއި ގައުމަށްޓަކައި ގުރުބާންވުމުގެ ރޫހު އުފައްދައި، ދިވެހި ގައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމުގެ މުހިންމުކަން ބޮޑެތި މީހުންނަށާއި ކުޑަކުދިންނަށް ހަނދާންކޮށްދިނުމުގެ ގޮތުންނެވެ. ދަރިންގެ ހިތްތަކުގައި ގައުމީ ލޯބި އަށަގެންނެވުމަކީ، ގައުމެއްގެ ދިރުމާއި ނެެތިދިއުން އެކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމަކަށްވާއިރު މިކަމަކީ މިހާރުން މިހާރަށްވެސް ކުރަން ލަސްވެފައިވާ ކަމެކެވެ. މިފަދަ ދުވަސްތައް ފާހަގަކުރުމުގެ ސަބަބުން ގައުމާއި ދީނަށް ވަފާތެރި އަދި އަމާނާތްތެރި ޖީލެއް ބިނާވެގެންދެ އެވެ.
މީގެ އިތުރުން މިފަދަ ދުވަސްތައް ފާހަގަކޮށްފި ނަމަ، ގައުމަށް ދިމާވާ ކޮންމެ ނުރައްކަލަކުން ގައުމު ސަލާމަތްކުރުމަށް ފަސްނުޖެހި ކުރިމަތިލާނެ ހިތްވަރުގަދަ ދަރިންތަކެއް އުފެދި، އެކަކު އަނެކަކަށް ދިމާވާ ކަންކަމުގައި އެހީތެރިވާ އަދި ގައުމުގެ ހައްގުގައި ތެދުވާނެ ދަރިންތަކެއް އުފެދިގެންދާނެ އެވެ.
ޝަހީދުންގެ ދުވަހުން އެނގި ހާމަވެގެންދަނީ ކޮންކަމެއް؟
ދިވެހި ލޭ ހިނގާ ދިވެހި ދަރިއެއްގެ ހައިސިއްޔަތުން، ގައުމުގެ މިނިވަންކަން ދަމަހައްޓައި އިސްލާމްދީން ހިމާޔަތްކުރުމަކީ އެކަމަށްޓަކައި ފުރާނައިން ގުރުބާންވާންޖެހޭ ފަދަ މަތިވެރި ކަމެއްކަން އަލީރަސްގެފާނު ކުރެއްވި ޖިހާދުން ހާމަވެގެންދެ އެވެ. އަދި ހަމައެހެންމެ، ދުޝްމަނުންގެ ބާރުގަދަ ލަޝްކަރުތަކާ ދެކޮޅަށް އެއްވެސް ޖެހިލުމެއްނެތި ގައުމުގެ ބަތަލުން ކުރެއްވި ހިތްވަރުގަދަ ޖިހާދުން، ހައްގުގެ މަގުގައި ސާބިތުވެ ތިބުމުގެ މުހިންމުކަމާއި، އަމިއްލަ މަސްލަހަތަށްވުރެ ގައުމުގެ މިނިވަންކަމާއި އިސްލާމްދީނުގެ މަސްލަހަތު އިސްކުރުމަކީ ގައުމުދެކެ ހަގީގީ ލޯބިވާ ދަރިންގެ ސިފައެއްކަންވެސް ހާމަވެގެންދެ އެވެ.
ރާއްޖޭގެ މިނިވަންކަމަށް ލޮޅުން އެރި ކޮންމެ ފަހަރަކު ގައުމުގެ މިނިވަންކަމާއި އިސްލާމްދީނުގެ ހައްގުގައި އެތަށް ބޭކަލުންނެއް ޖިހާދުކުރެއްވި!
ރާއްޖޭގެ މިނިވަންކަމަށް ލޮޅުންއެރި ކޮންމެ ފަހަރަކު ގައުމުގެ މިނިވަންކަމާއި އިސްލާމްދީނުގެ ދިފާއުގައި ތެދުވި އެތައް ބަތަލުންނެއް ޝަހީދުވިކަމީ ތާރީހު ހެކިދޭ ހަގީގަތެކެވެ. ޝަހީދުންގެ ދުވަސް ފާހަގަކުރާއިރު އަޅުގަނޑުމެން އެބޭކަލުންގެ ޒިކުރާ އާކުރަންޖެހޭ އެތަށް ބޭކަލުންނެއްވެ އެވެ. އޭގެތެރޭގައި ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރެއްވުމަށްޓަކައި އައްސުލްތާނުލް ގާޒީ މުހައްމަދު ތަކުރުފާނުލް އައަޒަމް ނުވަތަ މަޝްހޫރު ނަންފުޅުންނަމަ ބޮޑުތަކުރުފާނު ކުރެއްވި މަތިވެރި ޖިހާދުގައި ޝަހީދުވެވަޑައިގެންނެވި އެ ތަކުރުފާނުގެ ބޭބޭފުޅު އަލިތަކުރުފާނާއި، ޕޯޗުގީޒުންނާއި ކުރިމަތިލައްވައި ޖިހާދު ކުރެއްވުމުގައި ޝަހީދުވެވަޑައިގެންނެވި ކަނބާ އައިސައާއި، ރާއްޖޭގެ ވެރިކަމާ ތޮޅެން އައި މަލާބާރީންނާއި ހަނގުރާމަކުރައްވަނިކޮށް ޝަހީދުވެވަޑައިގެންނެވި ބޮޑުތަކުރުފާނުގެ ދަރިކަލުން އައްސުލްތާން އިބްރާހީމް ކަލާފާނު (ތިންވަނަ) ފަދަ ބޭކަލުންނަކީ ފާހަގަކޮށްލެވޭ ބޭބޭކަލުންނެވެ.
މި ހުރިހާ ކަމަކަށް ބަލާއިރު ކޮންމެ ދިވެހި ދަރިޔަކުވެސް ހަނދާނުގައި ބަހައްޓަންޖެހޭ ކަމަކީ، ޝަހީދުންގެ ދުވަހަކީ ހަމައެކަނި ތާރީހުގައި ހިނގި ހާދިސާއެއް ހަނދާން އާކޮށްލުމަށް ފާހަގަކުރާ ދުވަހެއް ނޫންކަމެވެ. ޝަހީދުންގެ ދުވަސް ފާހަގަކުރާއިރު އަޅުގަނޑުމެން ހަނދާނުގައި ބަހައްޓަންޖެހޭ ކަމަކީ އަލީރަސްގެފާނު ފަދައިން ކޮންމެ ދިވެހި ދަރިއަކުވެސް އަމިއްލަ މަސްލަހަތު އިސްކުރުމުގެ ބަދަލުގައި ގައުމުގެ މިނިވަންކަމާއި މާތްވެގެންވާ އިސްލާމްދީން ރައްކާތެރިކުރުމަށް މަސައްކަތްކުރާ ބަޔަކަށް އަޅުގަނޑުމެން ވާންޖެހޭނެކަމެވެ. ދިވެހި ލޭ ހިނގާ ދިވެހި ދަރިއެއްގެ ހައިސިއްޔަތުން ކުރަންވީ ކަމަކީ އަލީރަސްގެފާނު ދެއްކެވި މަތިވެރި ނަމޫނާއިން ހިތްވަރު ލިބިގަނެ، ކުރިއަށް އަންނަން އޮތް ޖީލުތަކަށް އުފާވެރި، އަމާން އަދި މިނިވަން ދިވެހިރާއްޖެއެއް ފޯރުކޮށްދިނުމެވެ.






