ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މަޑުއްވަރީއަށް ކުރެއްވި ދަތުރުފުޅުގައި އެރަށުގެ ރައްޔިތަކު އޭނާގެ އުދާސްތައް ރައީސްއާ ހިއްސާކުރުމުން، އެމަނިކުފާނު އޯގާތެރިކަމާއި ހިތްހެޔޮކަމުގެ ރިވެތި ނަމޫނާއެއް ދައްކަވައިފިއެވެ.
ރައީސަށް މަރުޙަބާ ދަންނަވަން އެއްވެފައި ތިބި މީހުންނާއި ސަލާމް ކުރައްވަމުން ރައީސް ވަޑައިގެންނެވި އިރު އޭނާ ހުރީ އޭނާގެ އިހުސާސްތައް ލިޔެފައިވާ އެ ބްރިސިލްބޯޑުތައް އަތަށް ލައިގެންނެވެ. އޭނާއާ ރައީސް އަރާ ހަމަވުމުން އެމަނިކުފާނުގެ އަރިހަށް އުދާސްތައް ބަންޑުންކޮށްލީއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ މީހާއަކީ ޖިނާއީ ކުށެއްގެ ތުހުމަތުގައި މީގެ ހަތަރު އަހަރު ކުރިން ސަސްޕެންޑުކޮށްފައިވާ ސަރުކާރުގެ މުވައްޒަފެކެވެ. އޭނާ ބްރިސިލް ބޯޑުގައި އޭނާގެ އުދާސްތައް ލިޔެގެން ރައީސްއާއިـ ބައްދަލުކުރުމަށް އިންތިޒާރުކޮށްގެން ހުއްޓެވެ.
ރައީސްއާއި ބައްދަލުވުމުން، އެ މީހާ އޭނާގެ މައްސަލައިގެ ސަބަބުން ދިރިއުޅުމަށް ކުރިމަތިވެފައިވާ ދަތިތަކާއި، ކުރިން ރައީސް އޮފީހަށް ފޮނުވާފައިވާ ސިޓީތަކުގެ ޖަވާބު ނުލިބޭ ކަމުގެ ޝަކުވާ ހުށަހެޅިއެވެ. ރައީސް ވަނީ އެ މީހާގެ ހުރިހާ ޝަކުވާތަކަކަށް ކަނުލައި ޝައުގުވެރިކަމާއިއެކު އަޑުއެއްސަވާފައެވެ. މި މަންޒަރު މީސްމީޑިއާގައި ދައުރުވަމުންދާއިރު، ރައީސްގެ އޯގާތެރި އަމަލު ގިނަ ބައެއްގެ ތަޢުރީފު ލިބެމުންދެއެވެ.
މި ހާދިސާއިން ފެނިގެންދިޔައީ ރައީސްގެ ރައްޔިތުންނާއި މެދު ބަހައްޓަވާ އޯގާތެރިކަމާއި ހިތްހެޔޮކަމެވެ. މިއީ މީގެ ކުރިން ގއ. ކަނޑުހުޅުދޫގައި ތުއްތު ކުއްޖަކު ދިއްކޮށްލި ސިޓީއަށް ރައީސް އަމަލުކުރެއްވި ގޮތާއި އެއްފަދަ ފުރިހަަމަ ނަމޫނާއެކެވެ.
ރައީސްގެ މި އަމަލުން ދައްކުވައިދެނީ ރައްޔިތުންގެ އަޑު އެހުމަށާއި އެމީހުންގެ ކަންބޮޑުވުންތަކަށް ޙައްލު ހޯދައިދިނުމަށް އެމަނިކުފާނު ގެންގުޅުއްވާ އިޚްލާޞްތެރިކަމެވެ.









