ދުންފަތުގެ ބާވަތްތަކުން ނަގަމުން އަންނަ ޑިއުޓީ ބޮޑުކުރީ ދައުލަތަށް ލިބޭ އާމްދަނީ އިތުރުކޮށް ވަކި ބަޔަކަށް ފައިދާ ހޯދައި ދިނުމުގެ ނިޔަތުގައި ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރ. އުނގޫފާރަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގައި ވޭޕް މަނާކުރަން ނިންމީ ޒުވާން ޖީލެއް ސަލާމަތް ކުރުމުގެ ގޮތުން ކަމަށެވެ. އަދި އެ ފިޔަވަޅު އެޅީ ރާއްޖޭގައި ވޭޕް މަނާ ނުކޮށް އޮތް ނަމަ، ޤައުމުގެ ކަންކަން އަތުނުވާ ހިސާބަށް ހިނގައިދާނެތީ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"ފިނޭންސް މިނިސްޓްރީގެ ހިސާބުތައް މިހާރު ނަހަދާނެ، ދުންފަތުގެ ބާވަތްތައް ގަނެގެން އިމްޕޯޓުކޮށްގެން އިތުރުވާ ޓެކްސް، އެއަށް ބަރޯސާވެގެން ދައުލަތުގެ އާމްދަނީއެއް ކަލްކިއުލޭޓެއް ނުކުރާނެ މިހާރު." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުން ބޭނުން ވަނީ ދުންފަތުގެ ބާވަތްތައް ބޭނުންކޮށްގެން ލިބޭ ގެއްލުމުން ދުރުވެފައި ތިބޭ ބަޔަކަށް ރައްޔިތުން ހެދުމަށެވެ. އަދި ސަރުކާރުން ފިޔަވަޅުތައް އެޅީ ދުންފަތުގެ ބާވަތްތަކާ ދުރުހެލިވުމަށް ބާރު އެޅުމުގެ ނިޔަތުގައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދުންފަތުގެ ބާވަތްތައް އެއްކޮށް މަނާ ނުކުރީ ފިޔަވަޅަކަށް ފަހު ފިޔަވަޅެއް އަޅަން ޖެހޭ ކަމަށް ގަބޫލުފުޅު ކުރައްވާތީ ކަމަށެވެ. އަދި ދުންފަތުގެ ބާވަތްތައް ބޭނުން ކުރުމާ ގާތަށް ވެސް ވޭޕް އާންމު ނުވާކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ ކޮންމެ ރަށެއްގައި، ރަށު ފެންވަރުގައި ދުންފަތުން ދުރު ވެވޭނެ ގޮތްތަކުގެ ތެރެއިން ސިއްޙީ މަރުކަޒުތަކުގައި ޓޮބޭކޯ ސެޒޭޝަން ކްލިނިކްތަކެއް ޤާއިމުކުރެވި ޚިދުމަތް ދޭން ވެސް މިހާރު ފަށާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ޚިދުމަތްތައް އިތުރުވެސް ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅުވަނީ ދިވެހިންނަކީ ދުންފަތުގެ އިސްތިޢުމާލު ކުރުމުން ދުރުވެފައި ތިބޭ ބަޔަކަށް ވާން ކަމަށެވެ. އަދި ދުންފަތުގެ އިސްތިޢުމާލުކޮށްގެން ލިބޭ ގެއްލުންތަކުން އާންމު ރައްޔިތުންނަށް އެކި ކަހަލަ ސަލާމަތް ނުވެވޭ ބަލިތައް ޖެހި އެ ބަލިތަކުގެ ސަބަބުން ދިވެހިން ދުނިޔެ ދޫކޮށްދާތަން ބަލަން ބޭނުންފުޅު ނުވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
"އެންމެ ބޮޑަށް މައްސަލަތައް ދިމާވަނީ ދުންފަތުގެ އިސްތިޢުމާލުކޮށްގެން. އެހެންވީމަ އެ އުޅުމުން ދުރަށް ދިއުމަށް ބާރު އެޅުމުގެ ގޮތުން އަޅުގަނޑު އެ ބާވަތްތަކުން އަގު މައްޗަށް ޖެއްސީ. އަޅުގަނޑުގެ ބޭނުންވަނީ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއެކީގައި ފަހަރަކު ފިޔަވަޅެއް އަޅައި އިތުރު ފިޔަވަޅުތައް އެޅޭ ހިސާބަށް ގޮސްފި ނަމަ ރައްޔިތުން މިކަމުން ސަލާމަތްވެ، ސިއްޙީ ގޮތުން ދުޅަހެޔޮ މުޖުތަމަޢުއެއް ގާއިމުވެގެން ދާން." ރައީސް ވިދާޅުވިއެވެ.
ރައިސް ވިދާޅުވީ ދުންފަތުގެ އިސްތިޢުމާލު ކުރުމުން ދުރުވުމަކީ ރަށަށް ލިބޭ ކުރިއެރުމެއް ކަމަށް ބެލުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި އެ ރަށަކީ އެއްވެސް ގޮތަކަށް ދުންފަތުގެ އިސްތިޢުމާލު ނުކުރާ ރަށެއްގެ ލަގަބު ހޯދުމަށް މަސައްކަތް ކުރެއްވުމަށް ވެސް ރައީސް އެދިވަޑައިގެންނެވިއެވެ.
އެގޮތުން، ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ޤާނޫނަށް ގެނައި އިސްލާހާ އެކު، ރާއްޖޭގައި ވޭޕް ބުއިމާއި އޭގެ ވިޔަފާރިކުރުން މިދިޔަ ޑިސެމްބަރު 15 އިން ފެށިގެން ވަނީ މަނާކޮށްފައެވެ. މި އިސްލާހާއެކު ވޭޕާއި ވޭޕް ކުރަން ބޭނުންކުރާ އާލާތްތަކާއެކު އިލެކްޓްރޯނިކް ސިނގިރޭޓް ވިއްކުމާއި ހިލޭ ބެހުމާއި ބޭނުންކުރުން ވެސް މަނައެވެ.
މީގެ އިތުރުން ސިނގިރޭޓާއި ބިޑިއަށް ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓް ތިން ރުފިޔާއިން އަށް ރުފިޔާއަށް ބޮޑު ކުރުމާއެކު ދުންފަތުން ނަގާ އެޑްވަލޮރަމް ރޭޓް %50 ވަނީ ބޮޑުކޮށްފައެވެ. ސިނގިރޭޓު ވިއްކޭނެ އުމުރު 21 އަހަރަށް މަތި ކުރުމަކީ ވެސް ސަރުކާރުން މި ފަހުން އެޅި ފިޔަވަޅެކެވެ.









