ރިޔާސީ ކެމްޕޭނު ތެރޭގައި ޕެނަމާ ކެނަލް އަނބުރާ އެމެރިކާގެ ބާރުގެ ދަށަށް ގެންނާނެ ކަމަށް ވިދާޅުވެ މީގެ ކުރިން ދެއްކެވި ވާހަކަފުޅުތައް، ރައީސްކަމާއި ޙަވާލުވެވަޑައިގެން ދެއްވި ތަޤްރީރުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓަރަމްޕް ތަކުރާރު ކުރައްވައިފިއެވެ.
އިތުރަށް ވިދާޅުވެލައްވާ:
"އެމެރިކާއިން އެތަން ދިނީ ޗައިނާއަކަށް ނޫން، ޕެނަމާއަށް. އެހެންވެ، އެތަން އަނބުރާ އަތުލާނަން." ޓްރަމްޕް ވިދާޅުވިއެވެ.
މީގެއިތުރުން، ޕެނަމާ ކެނަލް ހުރަސްކުރާ އެމެރިކާގެ އުޅަނދުފަހަރުން ބޭއިންސާފު ފީއެއް ދައްކަންޖެހޭ ކަމަށާއި އެކަން ބަލައިނުގަންނާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ކުރިން ވެސް ޓްރަމްޕް ވަނީ މި މައްސަލައާ ގުޅޭ ގޮތުން ވާހަކަދައްކަވާފައެވެ. އޭނާގެ އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމް "ޓްރޫތް"ގައި ލިޔުއްވާފައި ވެއެވެ. "އަޅުގަނޑުމެންގެ ކަނޑުގެ ސިފައިންނާއި ވިޔަފާރިތަކާއި މެދު އަމަލުކޮށްފައި ވަނީ ވަރަށް ބޭއިންސާފުން، އިހުތިރާމެއް ނެތި. ޕެނަމާއިން ނަގަމުން އަންނަ ފީތަކަކީ އެކަށީގެންވާ ވަރަށްވުރެ ބޮޑު ފީތަކެއް"
ޓްރަމްޕްގެ މި ބަސްފުޅުތަކާއި ގުޅިގެން ޕެނަމާގެ ރައީސް ހޯސޭ ރައުލް މުލީނޯ ވަނީ މީގެ ކުރިން ރައްދު ދެއްވާފައެވެ. ރައީސް މުލީނޯ ވިދާޅުވެފައިވަނީ ޕެނަމާގެ މިނިވަންކަމަކީ އެއްވެސް ޙާލެއްގައި މަޝްވަރާ ކުރެވޭނެ ކަމެއް ނޫން ކަމަށާއި، ޕެނަމާ ކެނަލްގެ ހިންގުމުގެ މައްޗަށް ޗައިނާގެ އެއްވެސް ބާރެއް ނުވަތަ ނުފޫޒެއް ނޯންނަ ކަމަށެވެ.
ޕެނަމާ ކެނަލަކީ ދުނިޔޭގެ ކަނޑުމަގުން ކުރާ ވިޔަފާރީގެ 2.5 އިންސައްތަ ޙިއްޞާކުރާ މުހިންމު މަގެކެވެ. އަހަރަކު 14,000 އަށްވުރެ ގިނަ ބޯޓު މި މަގުން ދަތުރުކުރެއެވެ. އެމެރިކާއަށް އޭޝިއާއިން އެތެރެކުރާ ވިޔަފާރި މުދަލާއި، އެމެރިކާއިން ބޭރުކުރާ ޤުދުރަތީ ގޭސް ފޯރުކޮށްދިނުމުގައި މި ކެނަލް ވަރަށް މުހިންމު ދައުރެއް އަދާކުރެއެވެ.
ނަމަވެސް، ޕެނަމާ ކެނަލް އެމެރިކާގެ ބާރުގެ ދަށަށް ގެނައުމަށް ޓްރަމްޕް ވިސްނަވަނީ ކޮން ގޮތަކުންކަމެއް އަދި ސާފެއް ނުވެއެވެ. އަދި އެއްވެސް ބައިނަލްއަޤްވާމީ ޤާނޫނަކުން އެމެރިކާއަށް އެ ކަމަށް ޤާނޫނީ ބާރެއް ނުލިބެއެވެ.









