ޙާލަތު ދަށް 55 ރަށެއްގެ ކައުންސިލް އިމާރާތް އެޅުމަށް މެލޭޝިއާގެ ހެކްސްޓަރ ގްލޯބަލް ކުންފުންޏާއި ސަރުކާރުން ހަވާލުކޮށްފިއެވެ. މިކަމާއި ގުޅޭ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާއި ބެހޭ ވުޒާރާގެ ޕާމަނަންޓް ސެކްރެޓަރީ ޑރ. ފާތުމަތު މުނާއެވެ. ކޮންޓްރެކްޓަރގެ ފަރާތުން ސޮއިކުރެއްވީ ހެކްސްޓަރ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޝަރީފެވެ.
މި މަޝްރޫޢުގެ ދަށުން 55 ރަށުގެ ކައުންސިލް އިމާރާތް އެޅުމުގެ މަސައްކަތް ކުރިއަށްދާނީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުންނެވެ. މި މަސައްކަތް 2 އަހަރާއި 6 މަސްދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ އެއްބަސްވެފައެވެ. އާ އިމާރާތްތައް ވެގެންދާނީ ޖާގަ ތަނަވަސް، ކައުންސިލަރުންނާއި އިދާރީ މަސައްކަތްތަކަށް ފަހި އަދި ވަސީލަތްތައް ހަމަ ތަންތަނަށެވެ.
ޖާގައިގެ ދަތިކަން އޮތް ކައުންސިލްތަކަށް އާ އޮފީސް އިމާރާތްކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. މިހާތަނަށް ބެލިބެލުމުން ޖުމްލަ 187 ކައުންސިލަކަށް ޖާގައާއި ވަސީލަތްތަކުގެ ދަތިކަން ހުރިކަން ސަރުކާރުން ފާހަގަކޮށްފައިވެއެވެ. ސަރުކާރުގެ ޢަމާޒަކީ ޙާލަތު ދަށްކޮށް ހުރި ހުރިހާ ރަށެއްގެ ކައުންސިލް އިމާރާތް މި ދައުރުގެ ތެރޭގައި އިމާރާތްކޮށް ނިންމުމެވެ.








