ގައުމަކުން އިންސާނީ ހައްގުތައް ނަގަހައްޓާ މިންވަރު ވަޒަންކުރުމަށް ބާއްވާ ޔޫޕީއާރު ވޯކިން ގްރޫޕްގެ 48 ވަނަ ބައްދަލުވުމުގައި ދިވެހި ސަރުކާރުގެ ވަފްދު ބައިވެރިވެއްޖެ އެވެ.
ޔޫޕީއާރް އަކީ އދ. ގެ މެމްބަރު ގައުމުތަކުގެ އިންސާނީ ހައްގުތަކުގެ މުޅި ހާލަތަށް ރިއާއަތްކޮށް އެ ގައުމަކުން އިންސާނީ ހައްގުތައް ނަގަހައްޓާ މިންވަރު ވަޒަން ކުރުމަށް އެކުލަވާލެވިފައިވާ ނިޒާމެކެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޔުނިވާސަލް ޕީރިއޮޑިކް ރިވިއު (ޔޫޕީއާރް)ގެ 48 ވަނަ ސެޝަން ޖެނީވާގެ ޕެލޭ ޑި ނޭޝަންސްގައި މިއަދު ފަށާފައިވާ ކަމަށެވެ. ދެ ހަފުތާގެ މުއްދަތަކަށް ކުރިއަށް ގެންދާ އެ ސެޝަން މިއަދުން ފެށިގެން މި މަހުގެ 31 ގެ ނިޔަލަށް ކުރިއަށް ގެންދާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ޔޫޕީއާރްގެ މި ސެޝަންގައި ރިވިއު ކުރެވޭ 14 ގައުމަކީ އެންގޯލާ، ބޮލީވިއާ (ޕްލުރިނޭޝަނަލް ސްޓޭޓް އޮފް)، ބޮސްނިއާ އެންޑް ހަޒެގޮވީނާ، މިސްރު، އެލް ސަލްވަޑޯ، ފިޖީ، ދަ ގެމްބިއާ، އީރާން، އިރާގް، އިޓަލީ، ކަޒަކިސްތާން، މަޑަގަސްކަރަ، ސެން މެރީނޯ އަދި ސްލޮވީނިއާ އެވެ.
ޔޫޕީއާރް ވޯކިން ގްރޫޕުން އަހަރަކު ތިން ސެޝަން ބާއްވަ އެވެ. ޔޫޕީއާރްގެ ހަތަރުވަނަ ރިވިއު ސައިކަލް 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހު ވަނީ ފަށާފައެވެ. މި ސައިކަލް ނިމޭނީ 2027 ވަނަ އަހަރު އެވެ.
"އިންސާނީ ހައްގުތަކުގެ ޙާލަތު ރަނގަޅު ކުރުމަށާއި އިންސާނީ ހައްގުތައް ކަށަވަރު ކުރުމުގައި މެމްބަރު ގައުމުތަކުން ހޯދާފައިވާ ކުރިއެރުން އދ. ގެ އިންސާނީ ހައްގުތަކާއި ބެހޭ ކައުންސިލަށް ހުށަހެޅުމުގެ ފުރުސަތު ޔޫޕީއާރު މެދުވެރިކޮށް ލިބެ އެވެ. އަދި ޔޫޕީއާރްގެ ނިޒާމު ގާއިމު ކޮށްފައި ވަނީ އިންސާނީ ހައްގުތަކާ ގުޅޭ އިލްތިޒާމުތައް އުފުލުމުގައި މެންބަރު ގައުމުތަކުން އިތުރަށް ރަނގަޅު ކުރަން ފެންނަ ކަންކަން ހުށަހަޅައި، އެ ގައުމުތަކުން ކުރަމުން އަންނަ މަސައްކަތް އަގު ވަޒަން ކުރެވޭނެ ފަދަ ގޮތަކަށެވެ،" ފޮރިން މިނިސްޓްރީން ބުންޏެވެ.
ޔޫޕީއާރްގެ 48 ވަނަ ސެޝަންގައި ބައިވެރިވާ ރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނަވަނީ ޖެނީވާގައި ހުންނަ އދ. ގެ އޮފީހަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު އެވެ.
ރާއްޖޭގެ ވަފުދުގައި ކައުންސެލާ އާދަމް ހާމިދު އާއި ކައުންސެލާ އާމިނަތު ޝިފާޔާ އިބްރާހީމް އާއި އެޓާޝޭ މުހައްމަދު ރާއިދު ސައީދު ބައިވެރިވެވަޑައިގަންނަވަ އެވެ.
ފޮރިން މިނިސްޓްރީން ބުނީ މި ފަހަރުގެ ޔޫޕީއާރު ބައްދަލުވުމުގައި ވެސް ރާއްޖޭގެ ވަފުދުން ބައިވެރިވެ، ދިވެހި ސަރުކާރުގެ މުހިންމު ސިޔާސަތުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ބިނާކުރަނިވި އިސްލާހުތަކެއް ރިވިއުކުރެވޭ ގައުމުތަކަށް ހުށަހަޅާނެ ކަމަށެވެ.









