އެމެރިކާގެ ދެކުނު ކެލިފޯނިއާގައި މިހާރު ރޯވަމުންދާ ނުރައްކާތެރި އަލިފާނުގެ ސަބަބުން މަދުވެގެން 28 މީހުން މަރުވެ، 31 މީހުން ގެއްލިފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ. މި އަލިފާނުގެ ސަބަބުން 14,000 އަށްވުރެ ގިނަ ޢިމާރާތް ވަނީ ހަލާކުވެ ނުވަތަ ގެއްލުން ލިބިފައެވެ. އަދި އިޤްތިޞާދީ ގޮތުން ލިބުނު ގެއްލުން 20 އާއި 45 ބިލިއަން ޑޮލަރާއި ދެމެދުގެ އަދަދެއްގައި ހުރެދާނެ ކަމަށް ލަފާކުރެވެއެވެ.
މި އަލިފާނުގެ ތެރެއިން އެންމެ ބޮޑު ގެއްލުން ލިބެމުންދަނީ އިސްރާއީލްގެ ޔަހޫދީ މަހުޖަނުން ގިނަ ޢަދަދަކަށް ދިރިއުޅޭ ޕެލިސޭޑްސް އަދި އީޓަންގެ އަލިފާނުގައެވެ. ޕެލިސޭޑްސް ގައި އަލިފާން ރޯވާން ފެށީ 7 ޖެނުއަރީގައި ކަމަށްވާއިރު، މިހާތަނަށް 23,000 އޭކަރަށްވުރެ ގިނަ ސަރަޙައްދު ވަނީ އަނދައިފައެވެ.. އަދި އީޓަން އަލިފާނުން 14,117 އޭކަރު ސަރަޙައްދު އަންދާލާފައިވެއެވެ. ފާހަގަ ކޮށްލެވޭ ގޮތުގައި ތިން ހަފްތާގެ މަސައްކަތުން ޕެލިސޭޑްސް އަލިފާނުގެ 52 އިންސައްތަ އަދި އީޓަން އަލިފާނުގެ 81 އިންސައްތަ މިހާރު ވަނީ ކޮންޓްރޯލްކުރެވިފައެވެ.
އަލިފާން ނިއްވުމުގެ މަސައްކަތަށް ހުރަސްތަކެއް ކުރިމަތިވަމުންދަނީ ލޮސް އެންޖެލެސްގައި ވައި ވެސް އާދަޔާއި ޚިލާފަށް ބާރުވުމުންނެވެ. ގަޑިއަކު 100 މޭލަށް ބައެއްފަހަރު ވައި ބާރުވެ، ވައިގެ ތެތްކަން ވަރަށް ބޮޑަށް ދަށްވާނެ ކަމަށް ކަނޑައަޅާފައިވާތީ، އަލިފާނުގެ ނުރައްކާ އިތުރުވެދާނެ ކަމަށް ވެސް ބެލެވެއެވެ.
މި ހާދިސާއާ ގުޅިގެން، ރައީސް ޑޮނަލްޑް ޓްރަމްޕް އަންނަ ހަފުތާގައި އަލިފާނުގެ ސަބަބުން ގެއްލުން ލިބުނު ސަރަޙައްދުތަކަށް ޒިޔާރަތްކުރައްވާ، ގެއްލުންތައް ބައްލަވާލައްވައި، އަލުން އާރާސްތުކުރުމުގެ މަސައްކަތްތައް ވިލަރެސްކުރައްވާނެ ކަމަށް ވިދާޅުވެފައި ވެއެވެ.









