ސްޕެނިޝް ކަޕްގެ 16 ވަނަ ބުރުގައި ރިއަލް މެޑްރިޑުން ސެލްޓާ ވީގޯ ބަލިކޮށް ކުއާޓަރ ފައިނަލަށް ގޮސްފިއެވެ. 5-2 ގެ ނަތީޖާއިން ކާމިޔާބުކުރި. މި މެޗު ކުޅުނީ ރިއަލް މެޑްރިޑްގެ އަމިއްލަ ދަނޑު، ސަންޓިއާގޯ ބަރުނަބިއުގައެވެ.
މެޗުގެ ފުރަތަމަ ލަނޑު ޖެހީ ރިއަލް މެޑްރިޑްގެ ކީލިއަން އެމްބާޕޭއެވެ. ދެވަނަ ހާފުގެ ކުރީކޮޅުގައި ވިނީސިއަސް ޖޫނިއަރ ޖެހި ލަނޑަކުން ރިއަލް މެޑްރިޑްގެ ލީޑު ފުޅާކުރިއެވެ. ނަމަވެސް މެޗުގެ ފަހުކޮޅުގައި ސެލްޓާ ވީގޯ އިން ދެ ލަނޑު ޖަހައި މެޗު އެއްވަރުކުރިއެވެ. ސެލްޓާ ވީގޯގެ ލަނޑުތައް ޖެހީ ޖޮނަތަން ބަމްބާ އާއި ޕެނަލްޓީއަކުން މާކޯސް އަލޮންސޯއެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އޮތީ 2-2 އިން އެއްވަރުވެފައެވެ. އެހެންކަމުން މެޗު ދިޔައީ އިތުރު ވަގުތަށެވެ. އިތުރު ވަގުތުގައވަގުތުގައި ރިއަލް މެޑްރިޑްގެ 18 އަހަރުގެ ޒުވާން ކުޅުންތެރިޔާ އެންޑްރިކް ދެ ލަނޑު ޖެހިއެވެ. އަދި ފެޑެރިކޯ ވަލްވަރުދޭ ޖެހި އިތުރު ލަނޑަކާއެކު ރިއަލް މެޑްރިޑް 5-2 އިން މޮޅުވެގެން ދިޔައެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ޓީނޭޖް ކުޅުންތެރިޔާ އެންޑްރިކް ބުނީ އޭނާގެ ގޯލުތައް ހަދިޔާކުރަނީ ރޫޑިގާއަށެވެ.
"އަހަރެން ކޮންމެ ދުވަހަކު ވަރަށް ބުރަކޮށް މަސައްކަތްކުރަން. މި ދެ ލަނޑު އަހަރެން ހަދިޔާކުރަނީ ރުޑިގަރ އަށް. އަހަރުމެން ކޮންމެ ދުވަހަކު ކުރާ މަސައްކަތް އޭނާއަށް އެނގޭ. އޭނާ އަހަރެންނަށް މާ ބޮޑު ތަޢުރީފެއް ނުކުރޭ. އެކަމަކު އެއީ މައްސަލައެއް ނޫން. އެއީ ވަރަށް ރަނގަޅު ކަމެއް. އަހަރެން ކުރަންވީ ކަންތައްތައް އޭނާ ކިޔައިދޭ. އަހަރެން މިތަނަށް އައި ދުވަހުން ފެށިގެން އޭނާ ވަނީ އަހަރެންނަށް ވަރަށް ރަނގަޅު މީހެއްގެ ގޮތުގައި. މި ދެ ލަނޑު އަހަރެން ހަދިޔާ ކުރާނީ އޭނާއަށް." ބުރެޒިލްގެ 18 އަހަރުގެ ކުޅުންތެރިޔާ ބުންޏެވެ.
މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން އެތްލެޓިކް ބިލްބާއޯ ވަނީ 3-2 އިން އޮސަސޫނާ އަތުން ބަލިވެ މުބާރާތުން ކަޓައިފައެވެ. އަދި ބާސެލޯނާ ވަނީ 5-1 އިން ރިއަލް ބެޓިސް ބަލިކޮށް ކުއާޓަރ ފައިނަލަށް ދަތުރުކޮށްފައެވެ.









