ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެސްޓޯނިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިމުމަކަށް އައިސްފިއެވެ.
އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ދަތުރަކީ ދިވެހިރާއްޖެއާއި އެސްޓޯނިއާ ދެމެދު އޮންނަ އެއްބާރުލުމުގެ އައު ފެށުމެއް ކަމަށެވެ.
ރައީސް ވިދާޅުވީ މި ދަތުރުފުޅުގައި ދެ ޤައުމުން އެކުގައި ޙާޞިލުކުރެވުނު ކުރިއެރުންތަކަކީ ހިތްވަރުދޭ ކަންތައްތަކެއްކަމަށެވެ. މި ދަތުރުފުޅުގައި ޑިޖިޓަލައިޒޭޝަން، ތިމާވެށި އަދި ސިޔާސީ މަޝްވަރާގެ ދާއިރާތަކުން ގިނަ ޢަދަދެއްގެ ފައިދާހުރި ބައްދަލުވުންތައް ބޭއްވި، އެއްބަސްވުންތަކުގައި ސޮއިކުރެވުނުކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެެވެ.
ރައީސް ވަނީ އެސްޓޯނިއާގެ ސަރުކާރަށާއި ރައްޔިތުންނަށް، ޚާއްޞަކޮށް އެސްޓޯނިއާގެ ރައީސް ޑރ. އަލާރ ކަރިސްއަށް، އެ ޤައުމަށް ވަޑައިގަތުމަށް ދެއްވި ދަޢުވަތަށާއި، ހޫނު މަރުޙަބާއަށާއި، މެހެމާންދާރީއަށާއި، އަދި ކުރެއްވި ފުރިހަމަ އިންތިޒާމުތަކަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާފައެވެ.
ރައީސް ފާހަގަކުރެއްވީ އެސްޓޯނިއާގެ އީޖާދީ ޑިޖިޓަލް ބަދަލުވުމަކީ ހަރުދަނާ އަދި ހާމަކަން ބޮޑު ވެރިކަމެއް ހިންގުމުގެ ދުނިޔޭގެ މިންގަނޑެއްކަމަށެވެ. އަދި ދިވެހިރާއްޖެއަށް އެސްޓޯނިއާއިން ދަސްކުރުމުގެ ފުރުޞަތު ލިބުނުކަމަށްޓަކައި ޝުކުރުވެރިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެގޮތުން، ދިވެހިރާއްޖޭގެ ޑިޖިޓަލް ވެރިކަން ހަރުދަނާކުރުމަކީ އެމަނިކުފާނުގެ ސަރުކާރުގެ އިސްކަންދޭ ކަމެއް ކަމަށާއި، އެހެންކަމުން މިއީ މި ދަތުރުގެ އެންމެ މުހިންމު ބައި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެމަނިކުފާނު އެސްޓޯނިއާއިން ފުރާވަޑައިގަތީ އުއްމީދާއެކު ކަމަށެވެ. މި ދަތުރުފުޅުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެ، އެކި ދާއިރާތަކުން އެއްބާރުލުން އިތުރުވެގެންދާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.









