ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ރާއްޖެއަށް މި އަހަރު ހަދިޔާކުރި ކަދުރު އަންނަ ހޯމަ ދުވަހުން ފެށިގެން ބަހަން ނިންމައިފިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ކުރި އިޢުލާނެއްގައި ބުނީ މި އަހަރު ސަޢުދީން ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފައިވާ ކަމަށެވެ.
ސިޓީތަކާއި ރަށްރަށުގައި ކަދުރު ބަހާނީ މީހުން ދިރިއުޅޭ ގޭބިސީތަކުގެ ތެރެއިން ކަދުރު ބަލައި ހާޒިރުވާ ތަރުތީބުން ކޮންމެ ގޭބިސީއަކަށް އެއް ޕެކެޓު ކަދުރު ކަމަށާއި ސަޢުދީން މި އަހަރު ލިބުނު ކަދުރުން ކޮންމެ 100 ގޭބިސީއަކަށް ޖެހެނީ 25 ޕެކެޓު ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނި ގޮތުގައި، ގޭބިސީތަކަށް ކަދުރު ބަހާނީ، އެ ގޭބިސީއެއްގެ ކަރަންޓު މީޓަރު ނަންބަރަށް ބަލައި، އަދި ކަދުރާ ހަވާލުވާ މީހެއްގެ އައިޑީކާޑު ބެލުމަށް ފަހުގައެވެ.
މާލެ އާއި ހުޅުމާލެ އާއި ވިލިމާލޭގައި ދިރިއުޅޭ މީހުންނަށް ކަދުރު ބަހާނީ އިސްލާމީ މަރުކަޒުގައެވެ. ރަށްރަށުގައި ކަދުރު ބަހާނީ އެ ރަށެއްގެ ކައުންސިލްތަކުންނެވެ.
މިނިސްޓްރީން ބުނީ ކަދުރު ބަހާނީ އަންނަ ހޯމަ ދުވަހުން ފެށިގެން އަންނަ މަހު 6 އާ ހަމައަށް ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން މެންދުރު ފަހު 1:00 އަށް ކަމަށެވެ،
ޖަމިއްޔާ ޖަމާޢަތްތަކުގެ ތެރެއިން ރޯދަ މަހު އިފްތާރު ޕްރޮގްރާމް ނުވަތަ ރޯދަވީއްލުމުގެ އިންތިޒާމު ހަމަޖައްސައިދޭ ޖަމިއްޔާތަކަށް ވެސް ކަދުރު ދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށާއި އެކަމަށް ޝައުގުވެރިވާ ޖަމިއްޔާތަކުންނަން ނޯޓުކުރުމަށް އިސްލާމިކް މިނިސްޓްރީ ވަނީ އެދިފައެވެ.
ސަޢުދީ ސަރުކާރުން ކޮންމެ އަހަރު ވެސް ރޯދަމަހާ ދިމާކޮށް ރާއްޖެއަށް ކަދުރު ހަދިޔާކުރެއެވެ.









