ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ ނައިބު ރައީސްކަމަށް އެ ކޮމިޝަންގެ މެންބަރު މުއުމިނާ ވަހީދު އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ އެޗްއާރްސީއެމްގެ ނައިބު ރައީސްއެއް އައްޔަންކުރުމަށްޓަކައި މުއުމިނާ ވަހީދުގެ ނަން ހުށަހަޅުއްވާ، މަޖިލީހުން އެކަމާމެދު ގޮތެއް ނިންމުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގެ ޖަލްސާގައި މި މައްސަލަ ދިރާސާކުރުމަށް މަޖިލީހުގެ ހިޔުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ފޮނުވުމަށް ނިންމާފައިވެއެވެ.
މުއުމިނާ ވަހީދަކީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހު އެޗްއާރްސީއެމްގެ މެންބަރުކަމަށް އައްޔަންކުރެވުނު ބޭފުޅެކެވެ. އޭނާ ވަނީ އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ސިޑްނީއިން މާސްޓަރސް އޮފް ހިއުމަން ރައިޓްސް އެންޑް ޑިމޮކްރަޓައިޒޭޝަން (އޭޝިއާ ޕެސިފިކް) ފުރިހަމަކުރައްވާފައެވެ. އަދި އޭގެ އިތުރުން އިކޮނޮމިކް މިނިސްޓްރީގައި ކޮންސަލްޓަންޓެއްގެ މަޤާމުވެސް އަދާކުރައްވާފައިވެއެވެ.









