ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރަ އަލިކުރާނެކަމަށް ލަފާކުރެވެނީ، އަންނަ ހޮނިހިރު ދުވަހުގެ ފަހުންކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާ (މެޓް) އިން މިއަދު ބުނެފިއެވެ.
މެޓުން ބުނީ މިއަދުވެސް އުތުރާއި މެދުރާއްޖެތެރޭގެ އެކިހިސާބަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށްވެސް ކެރީގެ އަސަރު ކުރާނެކަމަށް އެ އިދާރާއިން ބުންޏެވެ.
މެޓުން ބުނީ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެ ވިލާގަނޑުގައި އިތުރަށް ގަދަވުން އެކަށީގެންވާކަމަށެވެ. އެގޮތުން އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް އިރުއުތުރާއި އިރު ދެކުނުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށްވެސް އެ އިދާރާއިން ފާހަގަކުރިއެވެ.
މޫސުން ގޯސްވާނެކަމަށް ލަފާކޮށް މެޓް އޮފީހުން ދަނީ ސަމާލުތައް ނެރެމުންނެވެ. އެގޮތުން އެންމެ ފަހުން ނެރެފައިވަނީ ރ އަތޮޅުން ފެށިގެން މ އަތޮޅަށް ހުދު ސަމާލެކެވެ. އެ ސަރަޙައްދަށް ހުދު ސަމާލު ނެރެފައިވަނީ މިއަދު 5:00 އިން 11:00 އަށެވެ. މެޓް އޮފީހުން ވިދާޅުވީ މި އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނޭކަމަށް ލަފާކުރެވޭކަމަށެވެ.
މެޓުން ބުނީ، ޢާންމުގޮތެއްގައި ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގެ ކަނޑުތަކުގެ ރާޅުގެ އުސްމިން ހުންނާނީ 4 ފޫޓާއި 7 ފޫޓާއި ދެމެދުގެ އުސްމިނެއްގައިކަމަށެވެ،
ރާއްޖެއަށް މިހާރު ކުރަމުން މިދާ ވިއްސާރައަކީ، ރާއްޖޭގެ އިރުން، ބޭ އޮފް ބެންގާލްގެ ހުޅަނގުގައި އުފެދިފައިވާ ކޮޅިގަނޑުގެ ރާއްޖެއާއި ގާތަށް ޖެހެމުންދާތީ ރާއްޖެ ސަރަޙައްދުގައި ގިނަ ޢަދަދެއްގެ ވިއްސާރަ ވިލާ އުފެދެމުންދިއުމުގެ ސަބަބުން ކުރަމުންދާ ވިއްސާރައެއްކަމަށް މެޓުން ހާމަކުރިއެވެ. އަދި މާދަމާއަކީ މޫސުން އެންމެ ގޯސްވާނޭކަމަށް ލަފާކުރެވޭ ދުވަސްކަމަށް އެ އިދާރާއިން ފާހަގަކުރިއެވެ.
ދެކުނާއި މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެކަމަށާއި އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށް ބެލެވޭތީ ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމާމެދު ސަމާލުވުމަށް މެޓުން އިލްތިމާސްކޮށްފައިވެއެވެ.
އެގޮތުން، މޫސުމުގެ އަޕްޑޭޓްތަކަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މެޓުން ވަނީ ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ، އަދި ކޮންމެހެން ކުރަން ޖެހިގެން ނޫނީ ކަނޑު ދަތުރުތައް ނުކުރުމަށާއި، ދަތުރުކުރާނަމަ ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅުތަކެއް އަޅައިގެން ދަތުރުކުރުމަށް އެ އިދާރާއިން އިރުޝާދު ދީފައިވެއެވެ.









