މިރޭ މޫސުން ވަރަށް ގޯސްވާނެ ކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާ (މެޓް) އިން އިލްތިމާސްކޮށްފިއެވެ.
މިރޭ ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށް މެޓް އޮފީހުން ބުނީ ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި އުދައިގެ އަސަރުކުރުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.
މެޓް އިން ބުނީ އުތުރާއި މެދުރާއްޖެތެރޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރުކުރާނެ ކަމަށް މެޓް އިން ބުންޏެވެ.
އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް އިރުއުތުރާއި އިރުން އަދި ދެކުނުގެ އަތޮޅުތަކަށް ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށް މެޓް އިން ބުންޏެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް މެޓް އިން ބުންޏެވެ.
މެޓް އިން ބުނީ ކަނޑުތައް ވެސް ގަދަވާނެ ކަމަށާއި ރާޅުގެ އުސްމިނުގައި 4 - 7 ފޫޓު ހުންނާނެ ކަމަށެވެ.









