ސްޓެލްކޯއަށް ހަތް މިލިއަން ޑޮލަރުގެ ގެއްލުންވާ ގޮތަށް އެ ކުންފުނީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަރީފް ސެޓުލްމަންޓް އެގްރީމަންޓެއްގައި ސޮއިކުރެއްވި މައްސަލާގައި އޭނާގެ ޕާސްޕޯޓް ހިފަހައްޓައިފިއެވެ.
އޭސީސީން ބުނީ އެ ކޮމިޝަނުން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން އޭނާގެ ޕާސްޕޯޓް ހިފެހެއްޓީ އިއްޔެ ކަމަށެވެ. ނަމަވެސް، އިތުރު ތަފުސީލެއް އަދި ނުދެއެވެ.
އެކަމަކު، އެނގިފައިވާ ގޮތުގައި އޭނާގެ ޕާސްޕޯޓް ހިފެހެއްޓީ ސްޓެލްކޯގެ ކުރީގެ މެނޭޖުމަންޓުން ޗައިނާގެ ޑޮންގްފަންގް އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަން (ޑީއީސީ) އަށް ބަދަލުގެ ގޮތުގައި 7.8 މިލިއަން ޑޮލަރު (120 މިލިއަން ރުފިޔާ) ދިނުމަށް މިދިޔަ އަހަރު ސެޕްޓެމްބަރު 14 ގައި އެއްބަސްވުމެއްގައި ސޮއިކުރި މައްސަލައިގައެވެ.
އެ ސެޓްލްމަންޓު އެއްބަސްވުމުގައި ޝަރީފު ސޮއިކުރެއްވީ، ސަރުކާރުގެ ކުންފުނިތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ ޕްރައިވެޓައިޒޭޝަން ބޯޑުން އަންގާފައިވާ އެންގުމާ ޚިލާފަށް އަދި ސްޓެލްކޯ އަށް ގެއްލުންވާ ގޮތަށް ކަމަށް އެނގިފައިވެއެވެ.
އެ މައްސަލަ އޭސީސީއަށް ހުށަހެޅީ ވެސް ސްޓެލްކޯ އިންނެވެ. ސްޓެލްކޯ އިން ވަނީ ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް ވެސް އެ މައްސަލަ ގެނެސްފައެވެ.
ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރު ކަމާއި އިލެކްޝަންސް ކޮމިޝަނުގެ ރައީސް ކަން ވެސް ކުރައްވާފައިވާ ޝަރީފް ސްޓެލްކޯ މެނޭޖިންގ ޑިރެކްޓަރަކަށް ހަމަޖެއްސީ މާޗު، 2022 ގައެވެ.









