މުޅި ރާއްޖެއަށް މިއަދު ވެސް މޫސުން ގޯސްވާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ. އެ އިދާރާއިން ބުނީ އެންމެ ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށާއި، އެހެން ސަރަޙައްދުތަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުމުގެ ފުރުސަތު އޮތް ކަމަށެވެ.
ރާއްޖޭގެ ކަނޑުތައްވެސް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ އަންގާފައެވެ. ދެކުނުގެ އަތޮޅުތަކަށް ހުޅަނގު އުތުރާއި އުތުރުން އަދި އެހެން ހިސާބުތަކަށް އުތުރާއި އިރު އުތުރުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކޮށްފައިވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށްވެސް ބުނެފައިވެއެވެ.
ރާޅުގެ އުސްމިން ހުންނާނީ 3 ފޫޓާއި 6 ފޫޓާއި ދެމެދުގައި ކަމަށް މެޓް އޮފީހުން ވަނީ އަންދާޒާކޮށްފައެވެ. އަދި ކުރިއަށް އޮތް 5 ދުވަހު ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާ ކޮށްފައި ވެއެވެ.
ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ރާއްޖޭގެ ގިނަ ރަށްތަކަށް ވާރޭ ވެހިފައި ވާއިރު، އދ. މާމިގިއްޔަށް 61 މިލިމީޓަރުގެ ވާރޭ އަދި ވ. ރަކީދޫއަށް 54 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފައެވެ.
ރާއްޖޭގެ އިރުން، ބޭ އޮފް ބެންގާލްގެ ހުޅަނގުގައި އުފެދިފައިވާ ކޮޅިގަނޑު ރާއްޖެއާ ގާތަށް ޖެހެމުންދާތީ ރާއްޖެ ސަރަޙައްދުގައި ގިނަ އަދަދެއްގެ ވިއްސާރަ ވިލާ އުފެދެމުންދާ ކަމަށް މެޓް އޮފީހުން ބުނެއެވެ.
މި ދުވަސްވަރު ރާއްޖެއަށް ވިއްސާރަ ކުރާނެ ކަމަށް ބެލެވޭތީ، ވިއްސާރައިގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރުމަށް ކަމާއި ގުޅޭ އިދާރާތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި ވިއްސާރަވެ ފެންބޮޑުވުމުގެ ސަބަބުން ލިބެމުންދާ ގެއްލުން ކުޑަކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުފުޅާއެކު ޚާއްސަ ޓާސްކް ފޯހެއް ވަނީ އުފައްދަވާފައެވެ. މި ޓާސްކް ފޯހުގައި ހިމެނެނީ އެމްއެންޑީއެފްއާއި، ފުލުހުންގެ އިތުރުން އެންޑީއެމްއޭއެވެ.
މޫސުން ގޯސްވެފައިވާތީ، ރައްޔިތުން ވީހާވެސް ބޮޑަށް ސަމާލުވުމަށް އިދާރާތަކުން އިލްތިމާސްކޮށްފައިވެއެވެ. ޚާއްޞަކޮށް ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތަކަށް ބޮޑަށް ސަމާލުވުމަށް އަންގާފައިވެއެވެ. އަދި އުޅަނދުފަހަރުގައި ރައްކާތެރިކަމުގެ ހުރިހާ ވަސީލަތްތަކެއް ހަމައަށް ހުރިތޯ ޔަގީން ކުރުމަށްފަހު ނޫނީ ދަތުރު ނުކުރުމަށް އިރުޝާދު ދީފައިވެއެވެ.









