އާސަންދަ ސްކީމަށް ސަރުކާރުން ގެނައި ބޮޑު ބަދަލާއެކު މިއަދުން ފެށިގެން ކިޑްނީ ބަލި މީހުންނަށް ތަސައްލީއެއް ގެނައުމަށް ޔުނައިޓަޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ) އަށާއި ތައިލެންޑަށް އާސަންދަ ލިބޭނެ ގޮތް ހުޅުވާލައިފިއެވެ.
އާސަންދަ ކުންފުނިން ބުނީ، ރާއްޖޭގައި މިހާރު ވެސް އިންޑިއާ އާއި ލަންކާއިން ވެސް ބޭސްކޮށް ރަނގަޅު ނުވެ ތިބި ކިޑްނީ ބަލި މީހުން އެބަތިބި ކަމަށާއި އާސަންދަ ކުންފުނީގެ ޕޮލިސީއާއި ޚިދުމަތަށް ގެނައި ހެޔޮ ބަދަލުތަކުގެ ތެރެއިން ކޮންޓްރޯލެއްގެ ތެރެއިން ޔޫއޭއީ އަށާއި ތައިލެންޑަށް ކިޑްނީ ބަލިމީހުން ފޮނުވާނެއެވެ.
ތައިލެންޑް އަދި ޔޫ.އޭ.އީ އިން އާސަންދައިގެ ދަށުން ޚިދުމަތް ދޭނީ ހުސްނުވާ އާސަންދަ ސްކީމް ހިންގުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2015/R-19) ގެ 13 ވަނަ މާއްދާގެ (ށ) ގެ ދަށުން މިހާރުވެސް ރާއްޖެއިން ބޭރުގެ ހޮސްޕިޓަލްތަކުން ޚިދުމަތް ދިނުމަށް ޢަމަލުކުރާ ނިޒާމުގެ ތެރެއިންނެވެ.
އާސަންދަ ކުންފުނިން ބުނީ މި ދެ ޤައުމުގެ ޚިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކަށް ބަލިމީހުން ރިފަރ ކުރުން ފެށިގެންދާއިރު، ފުރަތަމަ އިސްކަން ދިނުމަށް ހަމަޖެހިވަނީ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް ބޭނުންވާ ބަލިމީހުންގެ ތެރެއިން "ފަސްޓް ޑިގްރީ ޑޯނަރ"އެއް (ޢާއިލާގެ ތެރެއިން ކިޑްނީ ޑޮނޭޓްކުރާނެ ފަރާތެއް) ނުލިބުމުގެ ސަބަބުން ކިޑްނީ ޓްރާންސްޕްލާންޓް ނުކުރެވި އެކަމުގެ ވޭން ތަޙައްމަލް ކުރަމުންދާ ފަރާތްތަކަށެވެ. އެއީ، މިހާތަނަށް އާސަންދައަށް އެމްޕެނަލް ކުރެވިފައިވާ ގައުމުތަކުގެ އުޞޫލުތައް ކަނޑައެޅުފައިވާ ގޮތުން، ކިޑްނީ ޑޯނަރ އަކީ "ފަސްޓް ޑިގްރީ ޑޯނަރ"އަކަށްވުން ލާޒިމުވެއެވެ. އާސަންދައަށް އިތުރުކުރެވިގެންމިދާ އެމްޕެނަލްމަންޓާއެކު މިފަދަ ހާލަތުގައިވާ ފަރާތްތަކަށް ކިޑްނީ ޓްރާންސްޕްލާންޓްކުރުމުގެ މަގުފަހިވެގެންދާނެއެވެ.
ދެވަނަ ބަޔަކީ، ރާއްޖެ، އިންޑިޔާ ނުވަތަ ސްރީލަންކާގެ މަރުކަޒެއް މެދުވެރިކޮށް، އެތައް ފަހަރެއްގެ މަތިން ފަރުވާދެވުނު ނަމަވެސް އެފަރާތެއްގެ ބަލި ޙާލަތަށް ކުރިއެރުމެއް ނުލިބި، ބަލި ތަޙައްމަލު ކުރަމުންދާ ފަރާތްތަކަށެވެ.
"އެހެންކަމުން މިދެންނެވި ޝަރުތުތަކަށް ފެތޭ ފަރާތްތަކަށް ކަމާބެހޭ ޑޮކްޓަރުންގެ ޓީމްގެ ފަންނީ ލަފައާއެކު ބަލިމީހާ ރިފަރ ކުރާނެ މަރުކަޒު މި ކުންފުނިން ކަނޑައަޅާ އެފަރާތްތަކަށް ބޭނުންވާ ބޭސްފަރުވާއަށް އެހީ ފޯރުކޮށްދެވޭނެއެވެ. އާސަންދައަށް އެދި ފޯމު ހުށައަޅާނީ މިހާރުވެސް ޚިދުމަތަށްއެދި ހުށައަޅާ އާސަންދަ ޕޯޓަލްއިންނެވެ." އާސަންދަގެ ނޫސްބަޔާނުގައި ވެއެވެ.
އާސަންދައިން ބުނީ ކުރިޔަށް އޮތް ދުވަސްތަކުގައި އިތުރު ބައިތަކަށް ޚިދުމަތް ފުޅާކުރާނެ ކަމަށާއި، ރައްޔިތުންގެ ޞިއްޙީ ކަންކަމަށް ހަރުދަނާ ގޮތެއްގައި ހުސްނުވާ އާސަންދައިގެ ދަށުން އިތުރު ޚިދުމަތް މި ސަރުކާރުން ފޯރުކޮށްދިނުން އެއީ ޕޮލިސީ ކަމަށެވެ.
ކިޑްނީ ޓްރާންސްޕްލާންޓްކުރާއިރު އިންޑިއާ އާއި ލަންކާގައި ކިޑްނީ ހަދިޔާ ކުރެވެނީ ޢާއިލީ ގުޅުން އޮންނަ ފަރާތްތަކަށެވެ. ނަމަވެސް ޔޫއޭއީގައި ކިޑްނީ ބަދަލުކުރާއިރު އެ ފުރުސަތު އެއަށްވުރެ ފުޅާވެފައި ވާތީވެ، އާސަންދައިން ނިންމާފައިވަނީ ފަސްޓް ޑިގްރީ ޑޯނާއެއް ނެތް ކިޑްނީ ބަލީގައި ތަޙައްމަލުކުރާ ރައްޔިތުންނަށް ތަސައްލީއެއް ހޯދުމަށްޓަކައި، ޔޫއޭއީއާއެކު ހެދިފައިވާ އެއްބަސްވުމާއި އެއްގޮތަށް ކޮންޓްރޯލެއްގެ ތެރެއިން ޔޫއޭއީއަށް ފޮނުވުމަށެވެ.
ކިޑްނީ ބަލިމީހުންގެ ތެރެއިން ތައިލެންޑަށް ރިފާ ކުރާނީ ރާއްޖެއާއި ލަންކާ އަދި އިންޑިއާއިން ބޭސްކޮށްގެން ވެސް ބަލިން ފަސޭހަނުވާ ފަރާތްތަކެވެ. މިއީ ވެސް ކޮންޓްރޯލެއްގެ ތެރެއިން ކަމަށް އާސަންދަ ކުންފުނިން ބުނެއެވެ.









