އާސަންދައިގެ ހިދުމަތް ރައްޔިތުންނަށް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، ރާއްޖޭގެ އިތުރު 8 އަތޮޅެއްގައި އާސަންދަ "ވިރަ" ކައުންޓަރުތައް ހުޅުވައިފި އެވެ. މި އައު ކައުންޓަރުތަކާއެކު، އާސަންދައިގެ ހިދުމަތްތައް މިހާރު ރާއްޖޭގެ 11 އަތޮޅަކުން ސީދާ ލިބޭނެ އިންތިޒާމު ވަނީ ހަމަޖެހިފަ އެވެ.
އާސަންދައިން ބުނިގޮތުގައި، މި ބަދަލާއެކު އަތޮޅުތަކުގެ ރައްޔިތުން ބޭސްފަރުވާއާ ގުޅޭ އިދާރީ ކަންކަމުގައި ރަށުން ބޭރަށް ނުވަތަ މާލެއަށް ކުރަންޖެހޭ ދަތުރުތަކަށް ބޮޑު ހައްލެއް ލިބިގެންދާނެ އެވެ. މިއީ ސަރުކާރުން، ރައްޔިތުންނާ ގާތުން ހިދުމަތް ދިނުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން އެޅުނު މުހިންމު ފިޔަވަޅެކެވެ.
އަލަށް އާސަންދަ ކައުންޓަރުތައް ހުޅުވުނު ރަށްތައް:
- ރ. އުނގޫފާރު
- ބ. އޭދަފުށި
- ޅ. ނައިފަރު
- އދ. މަހިބަދޫ
- ލ. ގަން
- ގދ. ތިނަދޫ
- ޏ. ފުވައްމުލައް
- ދ. ކުޑަހުވަދޫ
މި ކައުންޓަރުތައް މެދުވެރިކޮށް ބޭސްފަރުވާގެ އެހީއަށް އެދުމާއި، އާސަންދައާ ގުޅުންހުރި އެކި މައުލޫމާތުތައް ހޯދުމުގެ އިތުރުން، ކުންފުނީގެ އިދާރީ އެކި ހިދުމަތްތައް ރަށުގައި ތިބެގެން ރައްޔިތުންނަށް ހޯދޭނެ އެވެ. މީގެ ކުރިން މި ހިދުމަތް ދެމުން އައީ މާލެ، ހުޅުމާލެ، ފ. ނިލަންދޫ، އައްޑޫ ސިޓީ އަދި ކުޅުދުއްފުށި ސިޓީގަ އެވެ.
އަތޮޅުތަކުގައި ކައުންޓަރުތައް ހުޅުވުމުގެ އިތުރުން، ޓެކްނޮލޮޖީގެ އެހީގައި ހިދުމަތް އަވަސްކުރުމަށް "މައި އާސަންދަ ޕޯޓަލް" ގެ ނަމުގައި ހާއްސަ އެޕްލިކޭޝަނެއްވެސް މިހާރު ވަނީ ތައާރަފުކޮށްފަ އެވެ. އީފާސް މެދުވެރިކޮށް މި ޕޯޓަލްއަށް ވަދެވޭއިރު، ބަލިމީހާގެ ފަރާތުން ކޮންމެ އެހީތެރިއަކަށްވެސް ބޭސްފަރުވާގެ އެހީއަށް އެދޭ ފޯމު މިޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެ އެވެ.
ސަރުކާރުގެ މި ނިންމުމާއެކު، އާސަންދައިގެ ނިޒާމަކީ ރައްޔިތުންނަށް އެންމެ ލުއިފަސޭހަ އަދި އަވަސް ނިޒާމަކަށް ހެދުމަށް ކުރަމުންދާ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިފައިވާކަން އާސަންދައިން ފާހަގަކުރި އެވެ.









