އެމްބިއުލާންސްގެ ހިދުމަތް ބޭނުންކުރުމުގައި އާންމުންނަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، އެމްބިއުލާންސްގައި މައްޔިތުން އުފުލުމާއި އިތުރު ހަ ހާލަތެއްގައި އާސަންދަ ސްކީމްގެ ދަށުން ހިދުމަތް ލިބޭނެ ގޮތަށް ސަރުކާރުން ހަމަޖައްސައިފިއެވެ.

ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިރުކޮށްފައިވާ "ހުސްނުވާ އާސަންދަ" ސްކީމް ހިންގުމުގެ ގަވާއިދަށް ގެނައި ތިން ވަނަ އިސްލާހުގައިވާ ގޮތުގެ މަތިން، އާސަންދަ މެދުވެރިކޮށް އެމްބިއުލާންސްގެ ހިދުމަތް ހިލޭ ލިބޭނެ މުހިންމު ދާއިރާތަކެއް ވަނީ ކަނޑައަޅާފައެވެ. އަދި އެކަން ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ ހޯމަދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިއުލާން ކުރެއްވާފަ އެވެ.

އާ ގަވާއިދުގެ ދަށުން އާސަންދައިން އެމްބިއުލާންސްގެ ހިދުމަތް ލިބޭނެ ހާލަތްތަކަކީ:

  1. ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ބަލިމީހުން ހޮސްޕިޓަލަށް ގެންދިއުން
  2. މައްޔިތުން އުފުލުން
  3. އެނދުމަތިކޮށްފައިވާ ބަލިމީހުންނަށް އޯޕީޑީގެ ހިދުމަތް ހޯދުމަށް ގެންދިއުމަށް
  4. ވީލްޗެއާ ބޭނުންކުރާ ފަރާތްތަކާއި، އެކި ކަހަލަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން އޯޕީޑީ ހިދުމަތަށް ދިނުމަށް
  5. ސިއްހީ މަރުކަޒަކުން އިތުރު ފަރުވާއަށް އެހެން މަރުކަޒަކަށް ބަދަލުކުރަންޖެހޭ ހާލަތްތެއްގައި
  6. ރާއްޖެއިން ބޭރަށް ފަރުވާއަށް ފޮނުވާލެވޭ ބަލިމީހުން އެއާޕޯޓަށް ނުވަތަ ޖެޓީއަށް ގެންދިއުމަށް
  7. ތެލެސީމިއާ ބަލި ތަހައްމަލުކުރާ ފަރާތްތަކުން ފަރުވާއަށް ހޮސްޕިޓަލަށް ދިއުމަށް

އެކަމާ ގުޅިގެން ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، މި ބަދަލުތައް ގެނައުމަށް ނިންމެވީ އެމްބިއުލާންސްގެ ހިދުމަތް ހޯދުމުގައި އާންމުންގެ ފަރާތުން ލިބެމުންދާ ޝަކުވާތަކާއި ކަންބޮޑުވުންތަކާ ގުޅިގެން ކަމަށެވެ. އަދި ރައްޔިތުންނަށް އެންމެ ލުއިފަސޭހަ އިންތިޒާމެއް ހަމަޖައްސައިދިނުމަކީ އެފަދަ ބަދަލުތައް ގެނެވޭ މައިގަނޑު ސަބަބުކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އެގޮތުން މާދަމާއިން ފެށިގެން މި އިސްލާހަށް އަމަލުކުރަން ފަށާނެއެވެ. އެ އިސްލާހުގެ ސަބަބުން ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުވުމުގެ އިތުރުން، ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް މަގުފަހިވާނެ އެވެ.