މާޒިޔާގެ އިތުރުން މުޅި ރާއްޖޭގެ ފުޓްބޯޅަ ތަރައްޤީކުރުމަށް މަސައްކަތްކުރައްވާނެ ކަމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ އާ ހެޑް ކޯޗު، ސްޕެއިނުގެ ލުއިސްމާ ހެނާންޑޭޒް ވިދާޅުވެއްޖެއެވެ.
މާޒިޔާގެ ކޯޗުކަމާ ހަވާލުވެވަޑައިގަތުމަށްފަހު މީޑިއާއަށް ވާހަކަފުޅު ދައްކަވަމުން ލުއިސްމާ ބުނީ، "މިއީ ހަމައެކަނި މާޒިޔާއަށް ކޮށްދޭ ކަމެއް ވެސް ނޫން، ރާއްޖޭގެ ފުޓްބޯޅައަށް ވެސް ކޮށްދޭ ކަމެއް" ކަމަށެވެ.

ލުއިސްމާ ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތާއި ބެހޭ މަޢުލޫމާތު މާޒިޔާއިން ވަނީ ދެއްވާފައެވެ. އަދި މިއީ ޗެލެންޖެއްކަން އެނގިހުރެ މި ޒިންމާއާއި ހަވާލުވީމކަމަށް ވެސް ރިއަލް މެޑްރިޑާއި ބާސެލޯނާގެ އެކަޑަމީގައިނމަސައްކަތް ކޮށްފައިވާ ލުއިސްމާ ބުންޏެވެ.
"އަހަރެންގެ ވިސްނުމަކީ ސްޕެނިޝް ފުޓްބޯޅަ. އެކަމަކު އަހަރެން ވިސްނާނީ ސްޕެނިޝް ފުޓްބޯޅައިގެ ވިސްނުންތަކުގެ ތެރެއިން ވެސް ރާއްޖެއަށް މީގެ އެންމެ ރަނގަޅީ ކޮން ގޮތެއްތޯ، އެންމެ ފައިދާ ކުރާނެ ގޮތަކަށް ކުރިއަށްދާނީ،" ލުއިސްމާ ބުންޏެވެ..
ލުއިސްމާ ފާހަގަކުރެއްވި ގޮތުގައި ޕްރެކްޓިސް ޕިޗް ފަދަ އަސާސީ ވަސީލަތްތައް ރަނގަޅުކުރުމަކީ އަވަސް މުސްތަޤުބަލެއްގައި ކުރަންޖެހޭ ކަމެކެވެ. އަދި މިފަދަ ކަންކަން ރަނގަޅުކުރުމަށް ކްލަބުތަކާއި ފެޑެރޭޝަނާއި މުޅި ޤައުމު ގުޅިގެން މަސައްކަތްކުރަންޖެހޭ ކަމަށް އޭނާ ބުންޏެވެ.
ލުއިސްމާގެ އަމާޒަކީ އަންނަ މަހު ފެށޭ ޕްރެޒިޑެންޓްސް ކަޕަށް ޓީމު ވަރުގަދައަށް ތައްޔާރުކުރުމެވެ. އަދި ގައުމީ ޓީމުގެ ކޯޗާއި ވެސް އަވަހަށް ބައްދަލުކޮށް މަޝްވަރާކުރުމަށް ބޭނުންވާ ކަމަށް އޭނާ ބުންޏެވެ.
ލުއިސްމާ އަކީ އޭޝިއާގެ ތިން ޤައުމެއްގައި ކޯޗިންގގެ މަސައްކަތް ކޮށްފައިވާ ތަޖުރިބާކާރު ކޯޗެކެވެ. މާޒިޔާއަށް އިރުޝާދުދެއްވާ ހަތްވަނަ ބިދޭސީ ކޯޗަކީ ލުއިސްމާއެވެ.



