
އޭއެފްސީ ޗެލެންޖް ލީގުގައި ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ގޯލް ޖަހައިފައި ވަނިކޮށް ފަހަތުން އަރައި ތުރުކުމެނިސްތާނުގެ އަރްކަޑަގް މޮޅުވެއްޖެއެވެ..
މެޗުގެ ފުރަތަމަ ހާފުގެ ފަހު މިނެޓުގައި މާޒިއާއިން ގޯލު ޖެހީ މި ސީޒަނުގައި ޓީމާއި ގުޅުނު ފަލަސްތީނުގެ މިޑްފީލްޑަރު ޖޮނަތަން ކެންޓިލާނާއެވެ.
ނަމަވެސް، ދެވަނަ ހާފުގެ 21 ވަނަ މިނެޓުގައި އަރްކަޑަގުން ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. . މި ލަނޑު ކާމިޔާބުކޮށްފައިވަނީ ބަދަލުކުޅުންތެރިޔާ ޑިޑާ ޑުރްޑިއޭވް އެވެ. އޭގެފަހުން މެޗުގެ 76 ވަނަ މިނެޓުގައި އިތުރު ގޯލެް ޖަހައި ތުރްކުމެނިސްތާނުން ދެވަނަ ގޯލު ޖަހައި ލީޑު ނެގިއެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަންނަޑުރްޑިއޭވްއެވެ.
އޭއެފްސީން މި ފަހަރު އަލަށް ފެށި ތިންވަނަ ފަންތީގެ ކުލަބު ފުޓްބޯޅަ މުބާރާތުގައި ރާއްޖޭގެ މާޒިޔާ ހިމެނޭ ގްރޫޕް ބީގައި ހިމެނެނީ ތުރުކުމެނިސްތާންގެ އަރްކަޑަގުގެ އިތުރުން ކުވެއިތުގެ އަލް އަރަބީ ސްޕޯޓްސް ކުލަބާއި، ކިރްގިސްތާން އެފްސީ އަބްދީޝް އާޓާއެވެ.
ޗެލެންޖް ލީގުގެ ވެސްޓް ޒޯނުގައި އޮތީ ތިން ގްރޫޕެކެވެ. ތިން ގްރޫޕުން އެއްވަނައަށް ދާ ޓީމުތަަކަށް ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުވާއިރު، ދެން ކުއާޓާއަށް ދަތުރުކުރާނީ އެ ތިން ގްރޫޕުގެ ދެވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ޓީމެވެ.
މާދަމާ ނޫން އަނެއް ދުވަހު މާޒިޔާ ކުޅޭ ދެވަނަ މެޗުގައި ބައްދަލުކުރާނީ އަލް އަރަބީއާ ދެކޮޅަށެވެ. މެޗުތައް ކުރިއަށްދަނީ ސެންޓްރަލައިޒްކޮށްގެން ކުވެއިތުގައެވެ.



