ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެސްޓޯނިއާއަށް ކުރައްވަމުންދާ ތާރީޚީ ދަތުރުފުޅު މާދަމާ ނިންމަވާލައްވާއިރު، ދިވެހިރާއްޖޭގެ ޑިޖިޓަލް މުސްތަޤްބަލަށް އައު އުއްމީދުތަކެއް ފެނިގެން ހިނގައްޖެއެވެ. ޑިޖިޓަލް ދާއިރާއިން ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ އެސްޓޯނިއާގެ ތަޖުރިބާއާއި ހުނަރު ދިވެހިރާއްޖެއަށް ހޯދައިދިނުމަށް މި ދަތުރުފުޅުން މަގުފަހިވެގެންދާނެއެވެ.

އެސްޓޯނިއާގެ ދަތުރުފުޅުގައި އެޤައުމުގެ ރައީސް ޑރ. އަލާރް ކައިސް ރައީސް ޑރ. މުޢިއްޒަށް އަންގިކޮޅު ހަދިޔާކުރައްވަނީ
ރައީސް މުޢިއްޒު އެސްޓޯނިއާގެ ރައީސްގެ ޑިޖިޓަލް އެޑްވައިޒަރީ ކައުންސިލާއެކު ކުރިއަށްގެންދެވި ޚާއްޞަ މަޝްވަރާތަކުގައި، "ޑިޖިޓަލް މޯލްޑިވްސް" އަކަށް ރައީސް ކުރައްވާ ތަސައްވަރާއި ގުޅޭގޮތުން މުހިންމު ޚިޔާލުތަކެއް ބަދަލުކުރެއްވިއެވެ. މި މަޝްވަރާތަކުގައި ރައްޔިތުންނަށް ފޯރުކޮށްދޭ ޑިޖިޓަލް ޚިދުމަތްތައް ފަސޭހައިން ލިބޭނެ ގޮތްތަކާއި، އެ ޚިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމާ ގުޅޭގޮތުން ވެސް މަޝްވަރާކުރެއްވިއެވެ. ރައީސް އެފަދަ މަޝްވަރާއެއް ކުރައްވާނީ، އެކަމުގައި ސަބަބުތަކެއް ހުރީމައެވެ. އޭގެ ޖަބާބު ވެސް ލިބިއްޖެއެވެ. އެއީ އެސްޓޯނިއާގެ ތަޖުރިބާއިން ތަޖުރިބާ ލިބިގަނެ، ރާއްޖެ ވެސް ޑިޖިޓަލް ދުނިޔޭގައި އެ މަގުން ހިނގުމަށެވެ. ރާއްޖެއަކީ ކުޑަ ޤައުމެކެވެ. އެސްޓޮމިއާ އަކީ ވެސް ކުޑަ ޤައުމެކެވެ. ބޭނުންވަނީ ކަންތައްތައް ކުރާނެ ވިސްނުން ގެންގުޅޭ ސިކުނޑިތަކެވެ. ބޭނުންވަނީ ކެރޭ، ކޮށްދެއްވާނެ، ކުރައްވާނެ ރައީސުންނެވެ. މިއަދު ރައްޔިތުންނަށް މި ފެންނަނީ އެ މަންޒަރެވެ. ރާއްޖެ ޑިޖިޓަލް މޯލްޑިވްސް އަކަށް ވުމުގެ ޙަޤީޤީ ކުލަވަރު މި ފެންނަނީ އެވެ.

އެސްޓޯނިއާގެ ރައީސް ޑރ. އަލާރް ކައިސް ވިދާޅުވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ޑިޖިޓަލް ތަޞައްވަރު ޙަޤީޤަތަކަށް ހެއްދެވުމަށް ފުރުހަމަ އެއްބާރުލުން ދެއްވާނެ ކަމަށް.
އެސްޓޯނިއާގެ "އީ-އެސްޓޯނިއާ ބްރީފިންގ ސެންޓަރ" އަށް ކުރެއްވި ޒިޔާރަތުން، ދިވެހިރާއްޖޭގެ ޑިޖިޓަލް ވަސީލަތްތައް ތަރައްޤީކުރުމަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމަށް ބެލެވެއެވެ. އެސްޓޯނިއާގެ ސަރުކާރުން ފޯރުކޮށްދޭ ގިނަ އާންމު ޚިދުމަތްތަކަކީ ޑިޖިޓަލް މަންޞަތަކުގެ ތެރެއިން ފަސޭހަކަމާއެކު ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކަކަށްވުމުން، މި ތަޖުރިބާ ރައީސް ޑރ. މުޢިއްޒުއާއި އެމަނިކުފާނާއެކުނވަޑައިގެންނެވި ވަފުދުން ވަނީ ގާތުން ތަޖުރިބާ ކުރައްވާފައެވެ. އެހެންކަމުން ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިޙްސާންގެ ބެއްލެވުމުގެ ދަށުން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުފުޅާއި އެސްޓޯނިއާ ސަރުކާރުގެ އެހީތެރިކަމާއެކު މި ލަނޑުދަނޑިތައް ޙާޞިލް ކުރެވޭ ތަން ދިވެހި ރައްޔިތުން އިސާހިތަކު ބަލަން ފަށާނެއެވެ.

އެސްޓޯނިއާ ދަތުރުފުޅުގައި ރައީސް ޑރ. މުޢިއްޒުގެ އަރިހުގައި ޓެކްނޮލޮޖީ މިނިސްޓަރ އިޙްސާން - ރާއްޖެ އޮތީ ޑިޖިޓަލް ދުނިޔެއަށް ފެންބޮވައިގެންފައި. އެކަން ކޮށްދެވޭނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް.
އެސްޓޯނިއާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ލޯރީ ހުއްސާރްއާއެކު ބޭއްވުނު ބައްދަލުވުމުގައި، އީ-ވޯޓިންގ އާއި މި ނޫންވެސް އީޖާދީ ފަންނިއްޔާތުގެ އުފެއްދުންތަކުގެ ތެރެއިން ޑިޖިޓަލް ގަވަރނަންސްގެ ދާއިރާއިން އެސްޓޯނިއާ ހޯދާފައިވާ ކާމިޔާބީތަކާ ގުޅޭގޮތުން ރައީސް މަޝްވަރާކުރެއްވިއެވެ. އީ-ވޯޓިންގ އަކީ ޚަރަފު ކުޑަކޮށް މާ އިތުބާރު ބޮޑުކޮށް ވޯޓު ލެވޭނެ ނިޒާމެކެވެ. ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުން ވެސް އީ-ވޯޓިންގ ނިޒާމް ބޭނުންކުރަނީ ވަގުތާއި ބަޖެޓް ސަލާމަތްކޮށް، މައްސަލަތައް މަދުކުރުމަށެވެ. އެހެންކަމުން، އަތޮޅުތަކަށް ބެހިފައިވާ މި ރާއްޖެއަށް ވެސް މިއީ މުސްތަޤްބަލުގައި ވޯޓުލުމަށް ރަނގަޅު ގޮތެކެވެ.
ރައީސް މުޢިއްޒުގެ މި ދަތުރުފުޅަކީ ދިވެހިރާއްޖޭގެ ޑިޖިޓަލް މުސްތަޤްބަލަށް އައު ހިތްވަރެއް ލިބިގެންދާނެ ދަތުރުފުޅެއް ކަމަށް ބެލެވެއެވެ. އެސްޓޯނިއާގެ ތަޖުރިބާއާއި ހުނަރު ދިވެހިރާއްޖެއަށް ލިބުމުން، ރާއްޖޭގެ ޑިޖިޓަލް ދާއިރާ އަވަސް ދުވެއްޔެއްގައި ކުރިއަރައިގެންދާނެ ކަމަށް އުންމީދުކުރެވެއެވެ. ޚާއްޞަކޮށް، ސަރުކާރުގެ ޚިދުމަތްތައް ޑިޖިޓަލައިޒްކުރުމާއި، އީ-ގަވަރނަންސްގެ ނިޒާމު ހަރުދަނާކުރުމަށް މި ދަތުރުފުޅުން ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
އެސްޓޯނިއާގެ ރައީސްގެ ޑިޖިޓަލް އެޑްވައިޒަރީ ކައުންސިލާއެކު ބޭއްވުނު މަޝްވަރާތަކުން، ރާއްޖޭގެ ޑިޖިޓަލް ވަސީލަތްތައް ތަރައްޤީކުރުމަށް އައު އައިޑިއާތަކާއި ހުނަރު ލިބިގެންދާނެ ކަމަށް ޔަޤީންކުރެވެއެވެ. މީގެ ސަބަބުން، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާވެ، ފަސޭހައިން ލިބޭނެ މަގު ތަނަވަސްވެގެންދާނެއެވެ.
އެސްޓޯނިއާގެ ރައީސް އަލަރް ކަރިސް ވެސް ވަނީ ދިވެހިރާއްޖެއަށް އެއްބާރުލުން ދޭނެ ކަމަށް ވިދާޅުވެފައެވެ. މި ބަސްފުޅަކީ ދިވެހިރާއްޖޭގެ ޑިޖިޓަލް ކުރިއެރުމަށް ލިބޭ ބޮޑު ހިތްވަރެކެވެ. ދެ ޤައުމުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެ، ޑިޖިޓަލް ދާއިރާއިން ކުރިއެރުން ހޯދުމަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނެއެވެ.

އެސްޓޯނިއާ ދަތުރުފުޅުގައި ރައީސް ޑރ. މުޢިއްޒަށް އިޙްތިރާމް އަދާކުރެއްވުމުގެ ގޮތުން އެޤައުމުގެ ރައީސް ޑރ. އަލާރް ކައިސް ހުންނެވީ ޑރ. މުޢިއްޒަށްވުރެ އެއް ފިޔަވަޅު ފަހަތުގައި. ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅަށާއި ލީޑާޝިޕަށް އަދި ޚާއްޞަކޮށް ސިޑްސްގެ ބައްދަލުވުންތަކުގައި ރައީސް މުޢިއްޒު ދެއްކެވި ހިއްވަރަށް ސާބަސް ދެއްވައި ޝުކުރު އަދާކުރެއްވި.
ރައީސް މުޢިއްޒުގެ މި ދަތުރުފުޅަކީ ދިވެހިރާއްޖޭގެ ޑިޖިޓަލް މުސްތަޤުބަލަށް އައު ފަށައިގަތުމެއް ގެނެސްދޭނެ ދަތުރުފުޅެއް ކަމަށް ދެކެވެނީ މިދެންނެވި ސަބަބުތަކާހުރެއެވެ. އެސްޓޯނިއާގެ ކާމިޔާބު ތަޖުރިބާތަކުން ފައިދާ ހޯދައި، ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ވަރުގަދަކޮށް، ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށް ރާއްޖެ މިއޮތީ ފެންބޮވައިގެންފައެވެ.









