އެސްޓޯނިއާގެ ހެލްތު މިނިސްޓަރ، ރީނާ ސިކުޓް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
ރައީސް އެސްޓޯނިއާއަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރޭގައި ހިމެނިގެން ކުރިއަށް ގެންދެވުނު މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި އަމާޒުކުރެވުނީ އެސްޓޯނިއާއިން ޑިޖިޓަލައިޒޭޝަންގެ ތެރެއިން ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގެ މުހިންމު މަޢުލޫމާތާއި ޢިލްމު ޙިއްސާކުރެއްވުމަށެވެ.
އެސްޓޯނިއާގެ ހެލްތު މިނިސްޓަރު ވަނީ ޑިޖިޓަލައިޒޭޝަންގެ ބަދަލުގެ ތެރެއިން އެ ޤައުމުގެ ރައްޔިތުންނަށް ލިބެމުންދާ މުހިންމު ފައިދާތަކުގެ މަޢުލޫމާތު ޙިއްސާކުރައްވާފައެވެ. މީގެ ތެރޭގައި ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުވެ، ޚިދުމަތް ހޯދުމަށް ފަސޭހަވެފައިވާކަން ފާހަގަކުރެއްވިއެވެ. އަދި މި ބަދަލުގެ ސަބަބުން ޞިއްޙީ ދާއިރާގެ އެކިއެކި ގޮންޖެހުންތަކަށް ހޯދެމުންދާ ޙއްލުތަކުގެ މަޢުލޫމާތުވެސް ޙިއްސާކުރެއްވިއެވެ.
ރައީސް ދެއްކެވި ވާހަކަފުޅުގައި، އެސްޓޯނިއާގެ ތަޖުރިބާއާއި ތަންފީޒުކޮށްފައިވާ ކާމިޔާބު އުކުޅުތަކުން ޢިބްރަތް ޙާޞިލުކުރައްވައި، ރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ނިޒާމު ހަރުދަނާކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރެއްވިއެވެ. އަދި ވަކިވަކިން ދުރުގައި ހުންނަ ރަށްތައް ހިމެނޭހެން ރާއްޖޭގެ ހުރިހާ ރަށްތަކެއްގައި، އެއް ހަމައެއްގައި މަތީ ފެންވަރުގައި ޞިއްޙީ ޚިދުމަތް ދިނުމަށް ހުރި ފަރަގުތައް ޑިޖިޓަލައިޒޭޝަންގެ ތެރެއިން ނައްތާލެވޭނެ ގޮތްތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.









