އެސްޓޯނިއާގެ މިނިސްޓްރީ އޮފް ޖަސްޓިސް އެންޑް ޑިޖިޓަލް އެފެއާޒްގެ ސެކްރެޓަރީ ޖެނެރަލް މިސްޓަރ ޓޮނިސް ސާރް އާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޝްވަރާގެ ބައްދަލުވުމެއް ބާއްވައިފިއެވެ.
މި ބައްދަލުވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ޑިޖިޓަލީ ބާރުވެރި ރާއްޖެއަކަށް ހެދުމަށް އެމަނިކުފާނުގެ ސަރުކާރުން ގެންގުޅުއްވާ ތަޞައްވުރުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.
ރައީސް ދެއްކެވި ވާހަކަފުޅުގައި، ޑިޖިޓަލް ޓްރާންސްފޮމޭޝަންގައި އެސްޓޯނިއާގެ ބައިނަލްއަޤްވާމީ ފެންވަރުގައި ބަލައިގަންނަ ލީޑަރޝިޕަށް ތަޢުރީފު ކުރައްވައި، އެ ޤައުމުގެ އިނޮވޭޓިވް އެޕްރޯޗްތަކަކީ، ދެފުށް ފެންނަ، އެފިޝަންސީ އަދި ހިންގުމުގައި އެކްސެސިބިލިޓީގެ ބެންޗްމާކެއްކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ އީ-ގަވަރނަންސް އަދި އައިސީޓީ އިންފްރާސްޓްރަކްޗަރ ހަރުދަނާކުރުމަށް އެސްޓޯނިއާގެ ތަޖުރިބާގެ ބޭނުން ހިފުމުގެ ޝައުގުވެރިކަން ފާޅުކުރެއްވިއެވެ. މީގެ އިތުރުން، ސައިބަރ ސެކިއުރިޓީ އާއި ޑިޖިޓަލް ލިޓްރަސީ ކުރިއެރުވުމާއި، ލޯކަލް ގަވަރމެންޓްތަކުގެ ޑިޖިޓަލް ޤާބިލުކަން ހަރުދަނާކޮށް، ފެތުރިފައިވާ އާބާދީއަަކަށް ޢާންމު ޚިދުމަތް ފޯރުކޮށްދިނުން އިތުރުކޮށް، ޤައުމުގެ ތަރައްޤީގެ ލަނޑުދަނޑިތަކުގެ މައްޗަށް ވެސް ރައީސް އަލިއަޅުއްވާލެއްވިއެވެ.
އެކި ދާއިރާތަކުން ޑިޖިޓަލް ސިސްޓަމްތައް ތަންފީޛްކުރުމުގައި އެސްޓޯނިއާގެ ތަޖުރިބާއާއި ގޮންޖެހުންތަކާއި ހިންގުމާއި އާންމު ދިރިއުޅުމަށް ކުރާ ނޭދެވޭ އަސަރުތައް ޓޮނިސް ސާރް ވަނީ ޙިއްސާކުރައްވާފައެވެ. އަދި ރައީސް ދެއްކެވި ވާހަކަފުޅާ ގުޅިގެން، ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން މަޤްޞަދުތައް ޙާޞިލުކުރެއްވުމަށް އެސްޓޯނިއާގެ ތަޖުރިބާއާއި އެއްބާރުލުން ދިނުމަށް ޝައުޤުވެރިކަން ފާޅުކުރެއްވިއެވެ.
މި ބައްދަލުވުމަށްފަހު، ރިޕަބްލިކް އޮފް އެސްޓޯނިއާގެ މިނިސްޓްރީ އޮފް ޖަސްޓިސް އެންޑް ޑިޖިޓަލް އެފެއާޒް އާއި ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީއާ ދެމެދު ވަނީ އެމްއޯޔޫއެއްގައި ސޮއިކޮށްފައެވެ.









