ހުޅުމާލޭގެ ޓްރާންސްފޯމަރަކަށް ގެއްލުންދީ އޭގެން ވައްކަން ކުރަން އުޅުނު މީހަކު ސްޓެލްކޯގެ މުވައްޒަފުން އަތުލައިގަނެފިއެވެ.
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅުނު މީހާ ވަނީ އެތަނަށް އެޓެންޑްވި މުވައްޒަފުގެ ގައިގައި ރެންޗަކުން ޖަހާ މާރާމާރީ ހިންގާފައި ކަމަށެވެ.
ފަހުމީ ވިދާޅުވީ ޓްރާންސްފޯމަރަށް ގެއްލުންދީ މާރާމާރީ ހިންގި މީހާ ފުލުހުންނާ ޙަވާލުކޮށްފައިވާ ކަމަށެވެ.
ޓްރާންސްފޯމަރަށް ގެއްލުންދިނުމާއި ގުޅިގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އެމްޕީއެލް ޓަވަރުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާ ކަމަށް ފަހުމީ ވިދާޅުވިއެވެ. އަދި ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާ ޓަވަރުތަކަށް ވީ އެންމެ އަވަހަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފަހުމީ ވިދާޅުވިއެވެ.
ޓްރާންސްފޯމަރުތަކުން ވައްކަން ކުރުމަކީ ދޭތެރެއަކުން ހިނގަމުން އަންނަ ކަމެކެވެ. މީގެ އެއް ޙާދިސާގައި ކަރަންޓުގައި ޖެހި މީހަކު ވަނީ މަރުވެސް ވެފައެވެ.






