ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެސްޓޯނިއާއަށް ކުރައްވަމުންދާ ދަތުރުފުޅުގައި، އެ ޤައުމުގެ މިނިސްޓަރ އޮފް އެޑިއުކޭޝަން އެންޑް ރިސަރޗް، ކްރިސްޓީނާ ކެލަސްއާ ބައްދަލުކުރައްވައި، އެސްޓޯނިއާގައި ދިވެހި ދަރިވަރުންނަށް ހުރި ސްކޮލަޝިޕްގެ ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
އެގޮތުން، އެސްޓޯނިއާގެ މިނިސްޓްރީ އޮފް އެޑިއުކޭޝަން އެންޑް ރިސަރޗްގައި ބޭއްވުނު މި ބައްދަލުވުމުގައި، ރައީސް މުޢިއްޒު ވަނީ އެސްޓޯނިއާގެ ފެންވަރު ރަނގަޅު ތަޢުލީމީ ނިޒާމާއި، އުނގެނުމުގައި ގެންގުޅޭ އީޖާދީ އުކުޅުތަކަށް ތަޢުރީފުކުރައްވާފައެވެ. އަދި ރާއްޖޭގެ ތަޢުލީމީ ނިޒާމު ފުޅާކުރެއްވުމަށް އެމަނިކުފާނު ޝައުޤުވެރިކަން ފާޅުކުރެއްވިއެވެ.
މިނިސްޓަރ ކެލަސް ވަނީ އެސްޓޯނިއާގެ ތަޢުލީމީ ނިޒާމާއި ގުޅޭ ތަފްސީލީ މަޢުލޫމާތު ހިއްސާކުރައްވައި، އެ ޤައުމުގެ ތަޢުލީމީ އިސްތިރާޖުތަކާއި ބެހޭ މުހިންމު ނުކުތާތައް ފާހަގަކުރައްވާފައެވެ.
ބައްދަލުވުމުގައި ދެ ފަރާތުން ވަނީ ދިވެހި ޒުވާނުންނަށް އެސްޓޯނިއާގައި ހުރި ތަޢުލީމީ ފުރުސަތުތައް ފުޅާކުރުމުގެ މުހިންމުކަމާއި، ސްކޮލަޝިޕްގެ ފުރުސަތުތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން، ދެ ޤައުމުގެ މެދުގައި ޢިލްމީ ކުރިއެރުންތައް ހިއްސާކުރުމާއި، ޤާބިލްކަން އިތުރުކުރުމާއި، ތަޢުލީމީ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ މުހިންމުކަމަށް އަލިއަޅުވާލައްވާފައިވެއެވެ.
ދެ ބޭފުޅުންވެސް ވަނީ އިޖާދީ އުފެއްދުންތެރިކަމާއި ތަޢުލީމު މެދުވެރިކޮށް، ދެ ޤައުމުގެ ގުޅުން ހަރުދަނާ ކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި މި ބައްދަލުވުމަކީ މުސްތަޤުބަލުގައި އެކުގައި ކުރެވިދާނެ މަސައްކަތްތަކުގެ ބިންގާއެއްކަމުގައި ދެ ފަރާތުންވެސް ދެކެވަޑައިގަންނަވާކަން ފާހަގަކުރެވެއެވެ.









