ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެސްޓޯނިއާގެ ރައީސް ޑރ. އަލާރް ކާރިސްއާ ބައްދަލުކުރައްވައި، ޑިޖިޓަލް ތަރައްޤީ ޤާއިމުކޮށް، ތިމާވެށީގެ ވިލުންތެރިކަން އިތުރުކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ އެސްޓޯނިއާގެ ރިޔާސީ ގަނޑުވަރުގައެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ދޭދޭ ގުޅުން ބަދަހިކުރުމާއި، ފަތުރުވެރިކަމާއި، ތަޢުލީމު އަދި މޫސުމަށް އަންނަ ބަދަލުތައް ފަދަ، ދެ ޤައުމުން އެކުގައި މަސައްކަތްކުރެވިދާނޭ ދާއިރާ ތަކާއި ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ސައިބަރ ސެކިއުރިޓީ އާއި ޑިޖިޓަލް އިނޮވޭޝަންގެ ދާއިރާއިން ޢިލްމު ހިއްސާކުރުމަށް ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ.
އެސްޓޯނިއާއަކީ އިޢާދަކުރަނިވި ހަކަތަ އާއި، ސްމާޓް ގްރިޑް އަދި ދެމެހެއްޓެނިވި ޓެކްނޮލޮޖީގެ ދާއިރާގެ މާހިރުންކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ، މިއީ ދިވެހިރާއްޖެއަށް އަގުހުރި ނަމޫނާއެއް ކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖޭގައި ޑިޖިޓަލް ތަރައްޤީ ޤާއިމުކޮށް، ތިމާވެށީގެ ވިލުންތެރިކަން އިތުރުކުރުމުގައި ދެ ޤައުމުން އެކުގައި މަސައްކަތްކުރެވިދާނޭ ގޮތްތަކާއި މެދުގައި ވެސް އެމަނިކުފާނު މަޝްވަރާ ކުރެއްވިއެވެ.
ދެ ރައީސުންވެސް ވަނީ، ބައިނަލްއަޤުވާމީ ސެކިއުރިޓީއާ މެދު ޚިޔާލު ބަދަލުކުރައްވައި، ބައިނަލްއަޤުވާމީ މައިދާނުގައި ދެ ޤައުމުން ހިއްސާކުރާ ކަންކަމުގައި އެއްބާރުލުން ދިނުމަށް، ޢަޒުމު ކަނޑައަޅުއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ އެސްޓޯނިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ އެ ޤައުމުގެ ރައީސްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މިއީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކު އެ ޤައުމަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.









