އެސްޓޯނިއާއިން ޑިޖިޓަލް ޓްރާންސްފޮމޭޝަނާއި އިނޮވޭޝަނުގެ ދާއިރާއިން ހޯދާފައިވާ ކުރިއެރުންތަކަކީ ތައުރީފު ހައްގު ކާމިޔާބީތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ އެސްޓޯނިއާގެ ވެރިރަށް ޓަލިންގައި ހުންނަ ނައިޓްހުޑް ހައުސްގައި އެސްޓޯނިއާގެ ރައީސް ޑރ. އަލާރް ކަރިސް ދެއްވި ރަސްމީ ފަރިއްކޮޅުގައި ބައިވެރިވެވަޑައިގެންނެވުމަށްފަހު ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސްގެ މި ދަތުރުފުޅަކީ ރާއްޖޭގެ އެންމެ މަތީ ވެރިޔަކު އެސްޓޯނިއާއަށް ކުރައްވާ ތާރީޚީ އެންމެ ފުރަތަމަ ދަތުރުފުޅެވެ. މި ދަތުރުފުޅުން ރަމްޒުކޮށްދެނީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ދެ ގައުމުގެ މެދުގައި އޮތް އެއްގޮތް ވިސްނުމާއި އެކަމަށް ދެ ގައުމުން ދޭ ސަމާލުކަން ކަމުގައި ރައީސް ވިދާޅުވިއެވެ.
"ރައީސް ކަރިސްގެ ދުރުވިސްނުންފުޅާއި އިސްނެންގެވުމާއެކު އެސްޓޯނިއާއިން ޑިޖިޓަލް ޓްރާންސްފޮމޭޝަނާއި، އިނޮވޭޝަންގެ ދާއިރާއިން ހޯދާފައިވާ ކުރިއެރުންތަކަކީ ތައުރީފު ހައްގު ކާމިޔާބީތަކެއް. އެސްޓޯނިއާއަކީ ޓެކްނޮލޮޖީގެ ކުރިއެރުންތަކުގެ ޒަރިއްޔާއިން މުޖުތަމައުތައް ބާރުވެރިކުރުމުގެ ލާމަސީލު މިސާލެއް. އެސްޓޯނިއާގެ ތަޖުރިބާއިން އިބުރަތް ލިބިގަންނަންޖެހޭ،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ދެ ގައުމުވެސް އޮތީ އެކުގައި މަސައްކަތް ކުރުމުގެ އައު ބާބެއްގެ ފެށުމާއި ހަމައިގައި ކަމަށެވެ. އަދި މި ގުޅުމަކީ އެއް ގައުމު އަނެއް ގައުމަށް އިޙުތިރާމުކޮށް، އެއްބައިވަންތަކަމުގެ އަސާސްތަކެއްގެ މައްޗަށް ބިނާވާ، ދެމެހެއްޓެނިވި އުޖާލާ މުސްތަގުބަލަކަށް މަސައްކަތް ކުރުމުގެ ބާބެއް ކަމުގައި ވިދާޅުވިއެވެ.
ރައީސްގެ މި ދަތުރުފުޅުގައި ދެ ގައުމުގެ މެދުގައި އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.









