ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެސްޓޯނިއާއަށް ކުރައްވަމުން ގެންދަވާ ތާރީޚީ ދަތުރުފުޅުގައި އެޤައުމުގެ ރައީސް އަލަރ ކާރިސް އާއި ބައްދަލު ކުރައްވައި، ގިނަ ކަންތައްތަކަކާއި ބެހޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ. މި މަޝްވަރާ ތަކުގައި އެންމެ ޚާއްޞަ ސަމާލުކަމެއް ދެއްވީ ދެ ޤައުމުގެ މެދުގައި ޑިޖިޓަލް އަދި ސައިބަރ އެއްބާރުލުން ވަރުގަދަ ކުރުމަށެވެ.

ކަދްރިއޯގްގައި ހުންނަ ރިޔާސީ ގަނޑުވަރުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް މަރުޙަބާ ދެންނެވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަމާޒަކީ ރާއްޖެ ޑިޖިޓަލް ކުރުން ކަމަށްވާއިރު، އެސްޓޯނިއާގެ ރައީސް ޑރ. ކާރިސް ވަނީ ޑިޖިޓަލް ދާއިރާގައި އެސްޓޯނިއާގެ ތަޖުރިބާ ހިއްސާކުރުމަށް އެ ޤައުމުން ބޭނުންވާކަމަށް ވިދާޅުވެފައެވެ. އެގޮތުން، ވަރުގަދަ އީ-ސްޓޭޓެއް ބިނާކުރުމުގައި އެސްޓޯނިއާއިން ހާސިލުކޮށްފައިވާ ކާމިޔާބީތައް އެމަނިކުފާނު އެ ބައްދަލުވުމުގައި ފާހަގަކުރެއްވިއެވެ. ރައީސް ކާރިސް ވިދާޅުވީ، އެސްޓޯނިއާ ސަރުކާރު އޮތީ ރާއްޖެއާއި ގުޅިގެން ބައިނަލްއަޤްވާމީ ކަންކަމުގައި އެކުގައި މަސައްކަތް ކުރާށެވެ.
"އެސްޓޯނިއާއާއި ރާއްޖެއަކީ ކުދި ޤައުމުތަކެއް ނަމަވެސް، އަޅުގަނޑުމެންގެ އެއްބާރުލުމުގައި ވަރަށް ބޮޑު ޤާބިލުކަމެއް އެބައޮތް. އައު އީޖާދުތައް ކުރިއެރުވުމާއި ބައިނަލްއަޤްވާމީ ޤާނޫނަށް އިޙްތިރާމްކުރުން ފަދަ ކަންކަމުގައި އަޅުގަނޑުމެން އެކުގައި ކުރާ މަސައްކަތްތަކަށް މަގުދައްކައިދޭނެ،" ކާރިސް ވިދާޅުވިއެވެ.
އެސްޓޯނިއާގެ ރައީސް ވަނީ، ރައީސް ޑރ. މުޢިއްޒުގެ ޑިޖިޓަލް ވިސްނުންވުޅަށާއި ޕްރޯ ތަޞައްވަރު ފާހަގަ ކުރައްވައި އެކަމަށް މަރުޙަބާ ވިދާޅުވެ، ރާއްޖޭގައި ޑިޖިޓަލް އީޖާދުތައް ކުރިއެރުވުމަށް އެހިތެރިވެދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. މީގެ ތެރޭގައި ސައިބަރ ސެކިއުރިޓީއާއި ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ފަދަ ދާއިރާތަކުގައި އެއްބާރުލުން ދިނުން ހިމެނެއެވެ. އަދި ބައިނަލްއަޤްވާމީ މައިދާނުގައި އެކުގައި މަސައްކަތްކުރުމުގެ މުހިންމުކަމަށް ވެސް އަލިއަޅުއްވާލެއްވިއެވެ. މިގޮތުން، ޑިޖިޓަލް އެއްބާރުލުމުގެ ސަބަބުން ދެ ޤައުމުގެ ބައިނަލްއަޤްވާމީ މަޤާމު އިތުރަށް ވަރުގަދަވެގެންދާނެ ގޮތާ ބެހޭގޮތުން ވެސް ދެ ރައީސުން މަޝްވަރާކުރެއްވިއެވެ.









