ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އެސްޓޯނިއާއަށް ވަޑައިގަންނަވައިފިއެވެ.
މިއީ ދިވެހިރާއްޖޭގެ ތާރީޚުގައި ރާއްޖޭގެ ރައީސަކު ބޯލްޓިކް ޤައުމަކަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
ރައީސްގެ މި ދަތުރުފުޅުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖެއާއި އެސްޓޯނިއާއާ ދެމެދު ގާތްގުޅުމެއް ޤާއިމުކުރުމެވެ. ޚާއްޞަކޮށް ޑިޖިޓަލް އައު އީޖާދުތަކާއި، ތިމާވެށި ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމާއި، ފަތުރުވެރިކަމުގެ ދާއިރާގައި އައު މަގުތައް ހޯދުމަށް މި ދަތުރުފުޅުގައި މަސައްކަތްކުރެވޭނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މި ދަތުރުފުޅުގައި ދެ ޤައުމުގެ ދޭދޭ ގުޅުން އިތުރަށް ހަރުދަނާ ކުރެއްވުމާއި، ޑިޖިޓަލް ދާއިރާ، ސައިބަރ، އީ-ގަވަނެންސް، މޫސުމީ ބަދަލުތައް، ތިމާވެށި، ސައިންސް އަދި ތަޢުލީމީ ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ދެ ރައީސުން މަޝްވަރާ ކުރައްވާނެއެވެ.
ރައީސްގެ މި ދަތުރުފުޅުގައި އެސްޓޯނިއާގެ ރައީސްގެ އިތުރުން، އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް އަދި ދައުލަތުގެ އިސް ވަޒީރުންނާ ބައްދަލުކުރައްވާނެއެވެ. އަދި އެސްޓޯނިއާގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ޓާޓޫއަށް ވަޑައިގެން، އެ ސިޓީގެ މޭޔަރާއިއެކު ޔުނިވަރސިޓީ އޮފް ޓާޓޫއަށް ޒިޔާރަތްކުރައްވާނެއެވެ.
މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ސަރުކާރުގެ އިސް ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.









