މިރޭގެ ވަގުތުތަކުގައި ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް) އިން ލަފާކޮށްފިއެވެ.
މެޓް އޮފީހުން ބުނީ މިރޭ ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވެނީ ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ކޮޅިގަނޑެއް ރާއްޖެއާ ކައިރިވަމުން އަންނާތީކަމަަށެވެ.
މެޓް އޮފީހުން ބުނީ، ރާއްޖޭގެ އިރުން، ބޭ އޮފް ބެންގާލްގެ ހުޅަނގު ދެކުނުގައި އުފެދިފައިވާ ކޮޅިގަނޑު މިހާރު ރާއްޖޭގެ ހުޅަނގަށް ޖެހި ރާއްޖެއާ ގާތްވަމުން އަންނަ ކަމަށެވެ. މިހާރުވެސް ރާއްޖޭގެ ސަރަޙައްދުގައި ބޯވިލާ ޖަމާވަމުންދާ ކަމަށާއި، މިއަދުގެ ވަގުތުތަކުގައި ރާއްޖެއަށް ކެރީގެ އަސަރު ކުރާނެ ކަމަށް އެ އިދާރާއިން ބުންޏެވެ. އަދި ދަންވަރާއި ފަތިހުގެ ވަގުތުތަކުގައި ބޯކޮށް ވާރޭ ވެހޭނެ ކަމަށްވެސް ލަފާކޮށްފައިވެއެވެ.
މެޓް އޮފީހުން އިތުރަށް ބުނީ، މިއަދު ރާއްޖެއަށް ވައި ޖެހޭނީ އެވްރެޖްކޮށް ނަމަވެސް ކޮޅިގަނޑު ރާއްޖެއާ ގާތްވަމުންދާ ވަރަކަށް ވައި ބާރުވަމުންދާނެ ކަމަށެވެ. މިގޮތުން ރާއްޖޭގެ ސަރަޙައްދުގައި ވައި ބާރުވާން ފަށާނެ ކަމަށް ލަފާކުރެވެނީ އަންނަ ބުދަ ދުވަހުން ފެށިގެން ކަމަށް އެ އިދާރާއިން ބުންޏެވެ.
މީގެ އިތުރުން، ރާއްޖޭގެ ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާކޮށްފައިވާއިރު، މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސްކޮށްފައިވެއެވެ. އަދި އުތުރާއި މެދުރާއްޖެތެރޭގެ ރަށްތަކަށް އުދައިގެ އަސަރުކުރާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ.
މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ، ކަމާ ބެހޭ އިދާރާތަކާއި އާންމުން ގުޅިގެން ދަނީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށްޓަކައި ދުރާލާ ވެލިބަސްތާ ޖެހުން ފަދަ ކަންކަން ކުރަމުންނެވެ. އަދި އަތޮޅުތެރޭގެ ރަށްތަކުގައިވެސް ކައުންސިލްތަކާ ގުޅިގެން، ގެއަށް ފެން ވަދެ އަދި އުދައިގެ އަސަރުކޮށްގެން ލިބިދާނެ ގެއްލުން ކުޑަކުރުމަށް މަސައްކަތްކުރުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ އިލްތިމާސްކުރަމުންނެވެ.









