ރޭ ވާދަޗެރި ރިއަލް މެޑްރިޑް ބަލިކޮށް، ބާސެލޯނާއިން 15 ވަނަ ފަހަރަށް ސްޕެނިޝް ސުޕަ ކަޕް ކާމިޔާބުކޮށްފިއެވެ. ރޭ ރިޔާދުގެ ކިންގް އަބްދުﷲ ސްޓޭޑިއަމްގައި ކުޅުނު ފައިނަލް މެޗުގައި ބާސެލޯނާ އިން ރިއަލް ބަލިކުރީ 5-2 އިން ނެވެ.
މި މުބާރާތުގެ ތާރީޚުގައި އެންމެ ގިނަ ފަހަރު މި ތަށި ނަގާފައިވަނީ ބާސެލޯނާ އިންނެވެ. ބާސެލޯނާ އިން 15 ފަހަރު މި ތަށި ނަގާފައިވާއިރު، ރެއާލް މެޑްރިޑް އިން ވަނީ 13 ފަހަރު މި ތަށި ނަގާފައެވެ. މިދިޔަ އަހަރުގެ ފައިނަލްގައި ރިއަލް މެޑްރިޑް އަތުން ބަލިވި ބާސެލޯނާ އިން މިފަހަރު ވަނީ އޭގެ ބަދަލު ހިފާފައެވެ.
މެޗު ފެށިގެން ކުރިއަށްދިޔައިރު، ފުރަތަމަ ގޯލު ޖެހީ މެޑްރިޑްގެ ކީލިއަން އެމްބާޕޭ އެވެ. ނަމަވެސް، ބާސެލޯނާ އިން ލަމީން ޔަމާލް، ރޮބަޓް ލެވަންޑޯސްކީ، ރަފީނިއާ އަދި އަލެހަންދްރޯ ބާލްޑޭ ވަނީ ހަތަރު ގޯލު ޖަހާފައެވެ. ދެވަނަ ހާފުގައި ރިއަލް މެޑްރިޑްގެ ރޮޑްރީގޯ އިތުރު ގޯލެއް ޖެހި ނަމަވެސް، ބާސެލޯނާގެ ރަފީނިއާ ވަނީ އިތުރު ގޯލެއް ޖަހައި ބާސާއަސް ތަށި ޔަޤީންކޮށްދީފައެވެ.
މި މެޗުގައި ބާސެލޯނާގެ ގޯލްކީޕަރު ވޮޖްޝިއޭ ޝެޒްނީ އަށް ވަނީ ރަތް ކާޑެއް ދައްކާފައެވެ. މިއީ އެމްބާޕޭ އަށް ކުރި ފައުލަކާއި ގުޅިގެން ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ނިންމި ނިންމުމެކެވެ.









