އެމެރިކާގެ ކެލިފޯނިއާގައި ފެތުރެމުންދާ އަލިފާންގަނޑުތަކުގެ ސަބަބުން އިންޝުއަރެންސް ކުންފުނިތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ބައެއް ކުންފުނިތައް ބަނގުރޫޓުވުމުގެ ބިރު ހީވެއްޖެއެވެ.
"އިކޮނޮމިސްޓް" ނޫހުގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، ލޮސްއެންޖެލެސްގެ މުއްސަނދިންގެ އަނދާފައިވާ އަގުބޮޑު ގެތަކާއި އިންޝުއަރެންސް ކޮށްފައިވާ އެހެނިހެން އިމާރާތްތަކުގެ އަގު 60 ބިލިއަން ޑޮލަރަށް އަރާއިރު، ކެލިފޯނިއާގެ ހުރިހާ އިންޝުއަރެންސް ކުންފުނިތަކުގެ އެސެޓްތަކުގައި އުޅެނީ ގާތްގަނޑަކަށް 43 ބިލިއަން ޑޮލަރެވެ.
މިކަމުގެ ސަބަބުން، އިންޝުއަރެންސް ފައިސާ ދެވޭނެ މާލީ ގާބިލުކަން އެ ކުންފުނިތަކުގައި ނެތުމާއެކު، ގިނަ ކުންފުނިތައް ބަނގުރޫޓުވުމުގެ ނުރައްކާ ކުރިމަތިވެފައިވާކަމަށް ވެއެވެ.
މިހާތަނަށް ގާތްގަނޑަކަށް 150 ބިލިއަން ޑޮލަރުގެ މާއްދީ ގެއްލުން ވަނީ ލިބިފައިވާއިރު، 15,000 އަށްވުރެ ގިނަ އިމާރާތް ވަމީ އަނދައި ހުލިވެފައެވެ. 200,000 އަށްވުރެ ގިނަ މީހުން ވަނީ ރައްކާތެރި ތަންތަނަށް ބަދަލުކުރަން ޖެހިފައެވެ.
އިންޝުއަރެންސް ކުންފުނިތަކަށް މި ބޮޑު ގެއްލުމުގެ ސަބަބުގެ ސަބަބުން، ކުރިމަގުގައި އިންޝުއަރެންސްގެ އަގުތައް މައްޗަށް ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް މާހިރުން ލަފާކުރެއެވެ.
އެމެރިކާގައި ރޯވި މި އަލިފާނުގެ މައްސަލަ ހުރިހާ ތަޙްޤީޤީ އިދާރާތަކުން ގުޅިގެން ކުރިޔަށްދާއިރު އަދިވެސް އަސްލު ސަބަބު ނޭނގެއެވެ. ބައެއް ފަރާތްތަކުން ތުހުމަތު ކުރަނީ ވައި ގަދަވުމުގެ ސަބަބުން ރޯވި އަލިފާން ކަރަންޓް ކޭބަލްތަކަށް ފޯރައިގެންދިޔަ ކަމަށެވެ









