އެސްޓޯނިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ފުރާވަޑައިގެންފިއެވެ.
މިއީ ދިވެހިރާއްޖޭގެ ތާރީޚުގައި ރާއްޖޭގެ ރައީސަކު ބޯލްޓިކް ޤައުމަކަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
ރައީސްގެ މި ދަތުރުފުޅުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖެއާއި އެސްޓޯނިއާއާ ދެމެދު ގާތްގުޅުމެއް ޤާއިމުކުރުމެވެ. ޚާއްޞަކޮށް ޑިޖިޓަލް އައު އީޖާދުތަކާއި، ތިމާވެށި ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމާއި، ފަތުރުވެރިކަމުގެ ދާއިރާގައި އައު މަގުތައް ހޯދުމަށް މި ދަތުރުފުޅުގައި މަސައްކަތްކުރެވޭނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މި ދަތުރުފުޅުގައި ދެ ޤައުމުގެ ދޭދޭ ގުޅުން އިތުރަށް ހަރުދަނާ ކުރެއްވުމާއި، ޑިޖިޓަލް ދާއިރާ، ސައިބަރ، އީ-ގަވަނެންސް، މޫސުމީ ބަދަލުތައް، ތިމާވެށި، ސައިންސް އަދި ތަޢުލީމީ ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ދެ ރައީސުން މަޝްވަރާ ކުރައްވާނެއެވެ.
ރައީސްގެ މި ދަތުރުފުޅުގައި އެސްޓޯނިއާގެ ރައީސްގެ އިތުރުން، އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް އަދި ދައުލަތުގެ އިސް ވަޒީރުންނާ ބައްދަލުކުރައްވާނެއެވެ. އަދި އެސްޓޯނިއާގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ޓާޓޫއަށް ވަޑައިގެން، އެ ސިޓީގެ މޭޔަރާއިއެކު ޔުނިވަރސިޓީ އޮފް ޓާޓޫއަށް ޒިޔާރަތްކުރައްވާނެއެވެ.
މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލުއާއި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން އަދި ރާއްޖޭގެ ޓެކްނޮލޮޖީ ދާއިރާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.
އީ-ގަވަރނަންސްއާއި ޑިޖިޓަލް ޙައްލުތަކުގެ ދާއިރާގައި އެންމެ ކުރިއަރާފައިވާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ އެސްޓޯނިއާއިން، ދިވެހިރާއްޖޭގެ ޓެކްނޮލޮޖީގެ އަސާސީ ވަސީލަތްތައް ހަރުދަނާކޮށް، ޑިޖިޓަލް ޚިދުމަތްތައް ފުޅާކުރުމަށް މުހިންމު ފުރުޞަތުތަކެއް ލިބިގެންދާނެކަމަށް ބެލެވެއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާއި ޤުދުރަތީ ވަސީލަތްތައް ރައްކާތެރިކުރުމަށް އިސްކަންދޭ ދެ ޤައުމެއްގެ ހައިސިއްޔަތުން، ތިމާވެށި ބެލެހެއްޓުމަށް ބޭނުންކުރެވޭ ޑިޖިޓަލް ޙައްލުތަކުގެ ދާއިރާގައި އެސްޓޯނިއާގެ ތަޖުރިބާއާއި ހުނަރު ދެނެގަތުމަށް ދިވެހިރާއްޖެއިން ވަނީ ޝައުޤުވެރިކަން ފާޅުކޮށްފައެވެ.
މި ދަތުރުފުޅަކީ ދިވެހިރާއްޖެއިން ބޭރުގެ ޤައުމުތަކާއެކު ގުޅުން ބަދަހިކޮށް، ބައިނަލްއަޤްވާމީ ބައިވެރިންގެ ދާއިރާ ތަނަވަސްކުރުމަށް ކުރަމުންދާ މަސައްކަތުގެ ބައެއްކަންވެސް ފާހަގަކުރެވެއެވެ.
އެސްޓޯނިއާއަކީ ޔޫރަޕިއަން ޔޫނިއަންގެ މެންބަރު ޤައުމެއްގެ ހައިސިއްޔަތުން، ދެމެހެއްޓެނިވި ތަރައްޤީއާއި ޓެކްނޮލޮޖީގެ އެހީގައި ކުރިއެރުން ހޯދުން ފަދަ ދުނިޔޭގެ މުހިންމު މައްސަލަތަކާ ގުޅޭގޮތުން ޔޫރަޕާއެކު މަޝްވަރާކުރުމަށް ދިވެހިރާއްޖެއަށް ލިބޭ ޚާއްޞަ ފުރުޞަތެކެވެ.









