ސައްޙަ ވިސާ ނެތް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން ބުނީ އިމިގްރޭޝަން ވޮޗަށް ލިބިފައިވާ މަޢުލޫމާތަކާއި ގުޅިގެން، ހުޅުމާލެ ފޭސް 1 ގެ އެކި ސަރަޙައްދުތަކުގައި ޤަވާާޢިދާ ޚިލާފަށް ވިޔަފާރި ކުރަމުންދާ ބިދޭސީންނަށް އަމާޒުކޮށް ޓާސްކުފޯހުން އިއްޔެ ރެއިޑް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
އެ އޮޕަރޭޝަނުގައި ބަލައި ފާސްކުރި 14 ތަނަކުން، ސައްޙަ ވިސާއެއްނެތި ޤަވާއިދާ ހިލާފަށް އުޅެމުންދިޔަ 6 ބިދޭަސީއެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް އިމިގްރޭޝަނާއި ކަމާބެހޭ އެހެނިހެން އިދާރާތަކާ ގުޅިގެން ޚާއްޞަ އޮޕަރޭޝަންތަކެއް އަންނަނީ ކުރިއަށް ގެންދަމުންނެވެ. މި އޮޕަރޭޝަންތަކުގެ ދަށުން 5,000 އަށްވުރެ ބިދޭސީން ޑީޕޯޓުކޮށްފައިވާކަމަށް އިމިްގްރޭޝަނުން ވަނީ ހާމަކޮށްފައެވެ.
ސަރުކާރުގެ އަމާޒަކީ ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ މި އޮޕަރޭޝަން ރާއްޖޭގެ ހުރިހާ ރަށަކަށް ފުޅާކުރުމެވެ. އަދި ބިދޭސީންގެ މައްސަލަތަކަށް ތިން އަހަރުގެ ތެރޭގައި ޖުމްލަ ޙައްލެއް ގެނައުމަކީވެސް ސަރުކާރުގެ އަމާޒެކެވެ.









