އެމެރިކާގެ އަލަށް އިންތިޚާބުވި ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރައީސްކަމުގެ ހުވާކުރުމުގެ ރަސްމިއްޔާތަށް ޔޫރަޕިއަން ޔޫނިއަންގެ ކޮމިޝަންގެ ރައީސާ އުރްސުލާ ވޮން ޑަރ ލެޔަންއަށް ދަޢުވަތު ލިބިވަޑައިގެންފައި ނުވާކަމަށް އީޔޫ ކޮމިޝަންގެ ތަރުޖަމާނު ހާމަކުރައްވައިފިއެވެ.
ބްރަސެލްސްގައި ހުކުރު ދުވަހު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި އެނަދޯލު އޭޖެންސީގެ ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން، ޕައުލާ ޕިންހޯ ވިދާޅުވީ އެމެރިކާގެ އިންތިޚާބަށްފަހު ވޮން ޑަރ ލެޔަން އާއި ޓްރަމްޕް އާ ދެމެދު ފޯނު މެދުވެރިކޮށް ވާހަކަދެކެވުނު ނަމަވެސް، އޭގެ ފަހުން އިތުރު އެއްވެސް މުޢާމަލާތެއް ކުރެވިފައި ނުވާ ކަމަށެވެ.
އަދި ޖެނުއަރީ 20 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ޓްރަމްޕްގެ ރައީސްކަމުގެ ހުވާކުރުމުގެ ރަސްމިއްޔާތަށް ވޮން ޑަރ ލެޔަންއަށް ދަޢުވަތު ލިބިވަޑައިގެންފައި ނުވާ ކަމަށާއި، ދަޢުވަތެއް ލިބިއްޖެނަމަ އެކަމާމެދު ވިސްނާވަޑައިގަންނަވާނެ ކަމަށް ޕިންހޯ ވިދާޅުވިއެވެ. ނަމަވެސް މިހާތަނަށް އެފަދަ ޕްލޭނެއް ހެދިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މިވަގުތު ވޮން ޑަރ ލެޔަން ދަނީ ނިއުމޯނިއާގެ ސަބަބުން ޖަރުމަނުވިލާތުގެ ހެނޯވަރުގައި ހުންނަ އަމިއްލަ ގެކޮޅުގައި އަރާމުކުރައްވަމުންނެވެ.
2017 އިން 2021 އަށް ޓްރަމްޕްގެ ފުރަތަމަ ދައުރުގައި، ޔޫރަޕްގެ ލީޑަރުންނާމެދު ނުރުހުން ފާޅުކުރައްވައި، އެ ގައުމުތަކުން އަމިއްލަ ދިފާޢަށް އިތުރަށް މަސައްކަތްކުރަންޖެހޭ ކަމަށް އެތައް ފަހަރު މަތިން ވިދާޅުވެފައިވެއެވެ. އަދި ގިނަ ފަރާތްތަކުން ބުނާގޮތުގައި ޓްރަމްޕް ވަނީ އެމެރިކާ ނޭޓޯއިން ވަކިވުމަށް ބާރުއަޅުއްވާފައެވެ.
ކުރިން ޓްރަމްޕް ވަނީ އޭނާގެ ރައީސްކަމުގެ ހުވާކުރުމުގެ ރަސްމިއްޔާތަށް ޗައިނާގެ ރައީސް ހާޒިރުވުމަށް ބޭނުންފުޅުވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ޔޫރަޕިއަން ޔޫނިއަންގެ އިސްވެރިންނާ ބެހޭގޮތުން އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.