ރާއްޖޭގެ އިރުން ހުޅަނގުދެކުނުގައި ކޮޅިގަނޑެއް އުފެދިފައިވާތީ، ކުރިއަށް އޮތް ދުވަސްތަކުގައި މޫސުން ގޯސްވާނެ ކަމުގެ އިންޒާރު މޫސުމާއި ބެހޭ ޤައުމީ އިދާރާ (މެޓް) އިން ދީފިއެވެ.
މެޓް އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ރާއްޖޭގެ އިރުން ހުޅަނގުދެކުނު ބޭ އޮފް ބެންގާލްގައި ކޮޅިގަނޑެއް އުފެދިފައިވާ ކަމަށާއި، މި ކޮޅިގަނޑު ހުޅަނގަށް ޖެހި ރާއްޖޭގެ ސަރަޙައްދުގައި ބޯ ވިއްސާރަވިލާ އުފެދުމުގެ ފުރުޞަތު ބޮޑުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މެޓް އިން ބުނީ މާދަމާއިން ފެށިގެން މި މަހުގެ 18 އާ ދެމެދު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މި ވިއްސާރައިގައި ރާއްޖޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށް މެޓް އިން ބުންޏެވެ. އަދި އާންމު ވައި ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ބެލެވޭކަމަށް ވެސް މެޓް އިން ބުންޏެވެ.
މެޓް އިން ބުނީ ޚާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުމުގެ ފުރުޞަތު އެބަ އޮތް ކަމަށެވެ.
މެޓް އިން ވަނީ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް އެ އިދާރާއިން ނެރޭ އެންމެ ފަހުގެ މޫސުން ލަފާކުރާ ގޮތާއި މޫސުމީ ސަމާލާއި އިންޒާރުތައް އަދި ގެއްލުން ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައެވެ.









