ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެސްޓޯނިއާގެ ރައީސް ޑރ. އަލާރ ކާރިސްގެ ދަޢުވަތަކަށް އެ ޤައުމަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން ވަނީ ހަމަޖެހިފައެވެ. ރައީސް އޮފީހުން މަޢުލޫމާތު ދެއްވިގޮތުގައި މި ދަތުރުފުޅަކީ މި މަހުގެ 13 އިން 16 އަށް ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި ދެ ޤައުމުގެ ދޭދޭ ގުޅުން އިތުރަށް ހަރުދަނާ ކުރެއްވުމާއި، ޑިޖިޓަލް ދާއިރާ، ސައިބަރ، އީ-ގަވަނެންސް، މޫސުމީ ބަދަލުތައް، ތިމާވެށި، ސައިންސް އަދި ތަޢުލީމީ ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ދެ ރައީސުން މަޝްވަރާ ކުރައްވާނެއެވެ.
ރައީސް މުޢިއްޒު މި ދަތުރުފުޅުގައި އެސްޓޯނިއާގެ ރައީސްގެ އިތުރުން، އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް އަދި ދައުލަތުގެ އިސް ވަޒީރުންނާ ބައްދަލުކުރައްވާނެއެވެ. އަދި އެސްޓޯނިއާގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ޓާޓޫއަށް ވަޑައިގެން، އެ ސިޓީގެ މޭޔަރާއިއެކު ޔުނިވަރސިޓީ އޮފް ޓާޓޫއަށް ޒިޔާރަތްކުރައްވާނެއެވެ.
ރައީސް މުޢިއްޒުގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލުއާއި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން އަދި ރާއްޖޭގެ ޓެކްނޮލޮޖީ ދާއިރާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެއެވެ.









