އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މައްޗަށް ސާބިތުވެފައިވާ ކުށްތަކަށް އަދަބެއް ނުދީ ދޫކޮށްލުމަށް ކޯޓުން ހުކުމްކޮށްފިއެވެ. މި ހުކުމާއެކު ޓްރަމްޕް ވެގެންދާނީ ޖިނާއީ ކުށެއް ސާބިތުވެފައި ހުރެގެން ރައީސްކަން ކުރައްވާ ފުރަތަމަ ބޭފުޅާއަށެވެ.
ފަނޑިޔާރު ހުއާން މާޗަން ވިދާޅުވީ މިއީ އާދަޔާ ޚިލާފު މައްސަލައެއް ކަމަށާއި، ކުށް ސާބިތުވެފައިވާ ހާލަތުގައި، ގައުމުގެ އެންމެ މަތީ މަގާމަށް ހުރަސް ނޭޅޭ ގޮތަށް، ދެވޭނެ ގާނޫނީ އަދަބަކީ ޝަރުތެއް ނެތި ދޫކޮށްލުން ކަމަށެވެ.
ޝަރީއަތުގައި ޓްރަމްޕް ބައިވެރިވެވަޑައިގަތީ ވަކީލުންނާއެކު ވާޗުއަލްކޮށެވެ. ހުކުމް އިއްވުމުގެ ކުރިން ވާހަކަދައްކަވަން ފުރުސަތު ދެއްވުމުން ޓްރަމްޕް ވިދާޅުވީ މިއީ އެމަނިކުފާނުގެ އަބުރު ކަތިލުމަށާއި އިންތިޚާބު ކާމިޔާބުވިޔަ ނުދިނުމަށް ސިޔާސީ ގޮތުން ކުރި ކަމެއް ކަމަށެވެ.
ޓްރަމްޕްގެ މައްޗަށް ކުށުގެ 34 ދައުވާއެއް ސާބިތުވެފައި ވަނީ މިދިޔަ އަހަރުގެ މެއި މަހުއެވެ. މި ދައުވާތައް ގުޅިފައިވަނީ 2016 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ތެރޭ ބަރަހަނާ ފިލްމުކުޅޭ އަންހެނަކާ އެކު ހިންގި ކަމަށް ބުނާ ނަހަމަ ގުޅުމުގެ ވާހަކަ ސިއްރުކުރުމަށް ފައިސާ ދީ، އެ ފައިސާގެ އަސްލު އޮޅުވާލަން ވިޔަފާރީގެ ރެކޯޑްތައް ބަދަލުކުރި ކަމަށެވެ.
ޓްރަމްޕް އެމެރިކާގެ ރައީސް ކަމުގެ ހުވާ ކުރައްވަން ހަމަޖެހިފައި ވަނީ މި މަހުގެ 20ވަނަ ދުވަހެވެ.









