މިއަދު ވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފި އެވެ.
މެޓް އޮފީހުން ބުނީ މިއަދު އުތުރާއި މެދު ރާއްޖެ ތެރޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރުމާ އެކު، ގުގުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ދެކުނުގެ ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށާއި އެ ހިސާބު ރަށްތަކަށް ވެސް ގުގުރުން އެކަށީގެންވާ ކަމަށެވެ.
އެހެންވެ، ށ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށް ވަނީ މިއަދު ހެނދުނު 8:00 އިން މެންދުރު ފަހު 3:00 އާ ހަމައަށް ޔެލޯ އެލާޓް ނެރެފަ އެވެ. މި އެލާޓް ނެރުމުގެ ކުރިން ހއ. އަތޮޅުން ފެށިގެން މ. އަތޮޅަށް މިއަދު ވައިޓް އެލާޓް ވެސް ނެރުނެވެ.
ދެކުނުގެ އަތޮޅުތަކަށް ވައި ޖެހެނީ ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު ފަސް މާލޭއި 15 މޭލާ ދެމެދުގެ ބާރުމިނުގަ އެވެ. އެހެން ހިސާބުތަކަށް ވައި ޖެހޭނީ އިރު އުތުރާއި އިރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގަ އެވެ. އަދި ވިލާގަނޑުގައި 35 މޭލަށް ވައިގަދަވުން އެކަށީގެންވެ އެވެ.
ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަށް މަޑުވި ނަމަވެސް، އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި، ވިލާގަނޑުގައި ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ.
މިއަދު ވެސް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ލަފާކުރި އިރު، މާލެއަށް ރޭ މެދުކެނޑުމެއް ނެތި ވެހުނު ވާރޭގައި ވަނީ މަގުތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެފަ އެވެ. މާލޭގެ މަގުތަކުން މިހާރު ވެސް ވަނީ 13،000 ޓަނުގެ ފެން ބޭރުކޮށްފަ އެވެ.
މެޓް އޮފީހުން ބުނި ގޮތުގައި، މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ވެސް މާލެއަށެވެ.









