ގުގުރުމާ އެކު ބޯކޮށް ވާރޭވެހި، ފެންބޮޑުވާނެ ކަމަށް ލަފާކޮށް ގއ. އާއި ގދ. އަތޮޅަށް އޮރެންޖް އެލާޓް މިއަދު ނެރެފިއެވެ.
މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުން ވަނީ މިއަދު މެންދުރު 12:50 އިން މެންދުރު ފަހު 3:00 އަށް އެ ސަރަޙައްދަށް އޮރެންޖް އެލާޓް ނެރެފައެވެ. މި ވަގުތުތަކުގައި އެ އަތޮޅުގެ ރަށްތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހި، ފެންބޮޑުވާނެ ކަމަށް ލަފާކުރެވޭ ކަމަށް އެ އޮފީހުން ބުންޏެވެ.
އޮރެންޖް އެލާޓް ނެރުމުގެ ކުރިން އެ ސަރަޙައްދަށް ވަނީ ޔެލޯ އެލާޓާއި ވައިޓް އެލާޓް ވެސް މިއަދު ނެރެފައެވެ.
ރާއްޖޭގައި މޫސުން ދަރަޖަ ކޮށްފައި އޮންނަ ގޮތުން ނެރެނީ ވައިޓް، ޔެލޯ، އޮރެންޖް، ރެޑް އަދި ވިއްސާރަ އަލިވުމުން، ގްރީން އެލާޓެވެ. އޮރެންޖް އެލާޓް ނެރެނީ އެއް ގަޑިއިރު ތެރޭގައި 90 މިލިމީޓަރުގެ ވާރޭވެހި، ގަޑިއަކު 63 މޭލަށް ވައި ޖެހޭނެ ކަމަށް ލަފާކުރެވުމުންނެވެ.
މިދިޔަ ހުކުރު ދުވަހު ވެސް ވަނީ ފެންބޮޑުވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް އޮރެންޖް އެލާޓް ނެރެފައެވެ. އެ ދުވަހު ވެހުނު ވާރޭގައި އެންމެ ބޮޑު ގެއްލުމެއް ލިބުނީ މާލެއަށެވެ. މާލޭގައި ވަރަށް ބޮޑަށް ފެންބޮޑުވެ، ގޭގެއަށާއި ފިހަރާތަކަށް ވަރަށް ބޮޑަށް ފެންވަދެ، ގެއްލުންވިއެވެ.









