ކަނޑުހުޅުދޫއަށް ކުރިމަތިވެފައިވާ ބަނދަރުގެ ޖާގައިގެ ދަތިކަމަށް ޙައްލު ހޯއްދަވައިދެއްވުމަށްޓަކައި ސަރުކާރުގެ ބަޖެޓުގެ ތެރެއިން މި އަހަރު ޢަމަލީ މަސައްކަތްތައް ފަށްޓަވައި، ބަނދަރުގެ ޖާގައިގެ ދަތިކަން ޙައްލުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ރައީސް މި ޔަޤީންކަން ދެއްވާފައި ވަނީ، ހުވަދު އަތޮޅުގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، މިއަދު މެންދުރު ގއ. ކަނޑުހުޅުދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ.
ބަނދަރުގެ ޖާގައިގެ ދަތިކަމަށް ޙައްލު ހޯއްދަވައިދެއްވާނީ ސަރުކާރާއި ކައުންސިލާ ދެމެދު މަޝްވަރާތަކެއް ކުރެވި، ކައުންސިލުން އެދިވަޑައިގެންނެވި ގޮތަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ކަނޑުހުޅުދޫގެ ރައްޔިތުންނާ ބައްދަލުކުރައްވަމުން ގެންދެވި އިރު ރައީސް ވަނީ އެ ރަށު ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމުގެ މައްސަލައާއި، ސްކޫލަށް ބޭނުންވާ ތަރައްޤީގެ ކަންކަމަށް ޢަމަލީ ސިފަގެނައުން މަޑުޖެހިފައި އޮތް އޮތުން ނިމުމަކަށް ގެންނަވައި، މިހާރު ހުއްޓިފައިވާ މަޝްރޫޢުތައް ހިންގަވައިދެއްވާނެ ކަމުގެ ޔަޤީންކަން ރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ. އަދި ހިންގަން ފަށައި، މަޑުޖެހިފައިވާ މަޝްރޫޢުތައް ހިންގެވުމުގެ އިތުރަށް، ޢުމްރާނީ ގޮތުން އިތުރު ތަރައްޤީތަކެއް ސްކޫލަށް ގެނެސްދެއްވާނެ ކަމުގެ ޔަޤީންކަންވެސް ރައީސް ވަނީ ރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ.
ތަޢުލީމީ ދާއިރާއާއެކު ޞިއްޙީ ދާއިރާ ތަރައްޤީ ކުރެއްވުމަކީވެސް ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާ ކަމެއްކަން ފާހަގަކުރައްވައި ރައީސް ވަނީ، ކަނޑުހުޅުދޫގެ ޞިއްޙީ މަރުކަޒަށް ދިމާވެފައިވާ ގޮންޖެހުންތަކަށްވެސް ޙައްލު ހޯއްދަވައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން އެމަނިކުފާނު ވަޢުދުވެވަޑައިގެންފައިވާ ގޮތަށް، 24 ގަޑިއިރު ޚިދުމަތް ދެވޭ ފެންވަރަށް ޞިއްޙީ މަރުކަޒު ތަރައްޤީ ކުރުމާއި، އެ މަރުކަޒުން ހުށަހަޅުއްވާފައިވާ އިތުރު ކަންކަން ފުރިހަމަކޮށްދެއްވުމުގެ ޢަމަލީ މަސައްކަތްތައް މި އަހަރުގެ ތެރޭގައި ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ޞިއްޙީ އިތުރު ފަރުވާއަށް ބޭނުންވާ ބަލި މީހުން އުފުލުމަށް ބޭނުންކުރާ ސީ-އެމްބިއުލާންސްގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ކަނޑުހުޅުދޫ ހިމެނޭހެން ރާއްޖޭގެ އެކި ހިސާބުތަކަށް ކުރިމަތިވެފައިވާ ދަތިތައް ޙައްލު ކޮށްދެއްވުމަށް، މާލެ ވަޑައިގެން ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާތައް ފަށްޓަވާނެ ކަމުގެ ޔަޤީންކަންވެސް ރައީސް ވަނީ ދެއްވާފައެވެ.
މީގެ އިތުރުން ކުޅިވަރުގެ ދާއިރާއަކީ ކަނޑުހުޅުދޫއަށް މުހިންމު ދާއިރާއެއްކަން ފާހަގަކުރައްވައި ރައީސް ވަނީ ރަށުގެ ފުޓްސަލް ދަނޑަށް ގެންނަންޖެހޭ ތަރައްޤީ ގެނެސްދެއްވައި، ފުޓުބޯޅަ ދަނޑުގެ ޓަރފް ބަދަލުކޮށް، އެތުލެޓިކްސްއަށް ބޭނުންކުރެވޭ ގޮތަށް ތަން ތަރައްޤީ ކުރުމުގެ މަސައްކަތްތައްވެސް މި އަހަރު ތެރޭގައި ފުރިހަމަކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
މި ފެށުނު 2025 ވަނަ އަހަރު، ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ބޯހިޔަވަހިކަމުގެ މަޝްރޫޢުތަކަށް ކަމުގައި ވާއިރު، ރައީސް ވަނީ ކަނޑުހުޅުދޫއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމުގެ މައްސަލައަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ރަށަށް ބޭނުންވެފައިވާ އިތުރު ހައުސިންގ ޔުނިޓްތައް އެޅެން އޮތީ ބިން ހިއްކައިގެން ނަމަވެސް މި އަހަރު ތެރޭގައި އެ މަޝްރޫޢު ފެށިދާނެކަމަށް ޤަބޫލުފުޅުނުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ. ކަން އެހެން ދިމާވި ނަމަވެސް، 2026 ވަނަ އަހަރުގެ ބަޖެޓުގެ ތެރެއިން ބިން ހިއްކުމުގެ މަޝްރޫޢު ހިންގަވައިދެއްވާނެ ކަމަށާއި، އެ މަޝްރޫޢު ނިމުމާއެކު އެންމެ ލަސްވެގެން ދެން އަންނަ އަހަރެއްގައި ރޯ-ހައުސްގެ މަޝްރޫޢު ހިންގަވައިދެއްވާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސްގެ ވާހަކަފުޅު ނިންމަވާލައްވާފައި ވަނީ ރައްޔިތުންގެ އުންމީދުތަކުގައި ޙަޤީޤީ ކުލަޖެހި، އަދުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ކާމިޔާބު މިންވަރުކުރެއްވުން އެދި މާތް ﷲގެ ޙަޟްރަތުގައި ދުޢާދަންނަވަމުންނެވެ.









