ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ހުވަދޫ އަތޮޅަށް ކުރައްވާ ތިން ދުވަހުގެ ރަސްމީ ދަތުރުފުޅުގައި ދާދި ދެންމެއަކު ގއ. ކަނޑުހުޅުދޫއަށް ވަޑައިގެންފިއެވެ.
ރައީސް ކަނޑުހުޅުދޫއަށް ވަޑައިަގަތުމުން އެ ރަށުގެ ރައްޔިތުން ވެސް ވަނީ އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.
އެމަނިކުފާނު މިއަދު އެންމެ ފުރަތަމަ ވަޑައިގެންފައިވަނީ ރަތަފަންދޫއަށެވެ. މި ދަތުރުފުޅުގައި ރައީސް ވަޑައިގަންނަވާނީ ހުވަދޫ އަތޮޅު ދެކުނުބުރީގެ ފަސް ރަށަކަށާއި، ހުވަދުއަތޮޅު އުތުރުބުރީގެ ހަތަރު ރަށަކަށެވެ.
ކަނޑުހުޅުދޫއަށް ވަޑައިގަތުމަށްފަހު ރައީސް އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ރަށުގެ ޙާލަތާއި ރައްޔިތުންގެ ބޭނުންތަކާއި ބެހޭގޮތުން މަޢުލޫމާތު ހޯއްދަވާނެ ކަމަށް ރައީސް އޮފީހުން މަޢުލޫމާތު ދީފައި ވެއެވެ. މީގެ އިތުރުން، އެ ރަށުގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ޤާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސްގެ މި ދަތުރުފުޅުގައި އިއްޔެ ވަޑައިގެންފައިވަނީ ހޯނޑެއްދޫ، ނަޑެއްލާ، ވާދޫ އަދި ފިޔޯރީ އަށެވެ. އެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ، ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދަވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ. އަދި އެ ރަށްރަށުގެ ރައްޔިތުން ބޭނުންވާ ކަންތައްތައް ވެސް އޮޅުން ފިލުވާ، އެކަންކަމަށް ޙައްލު ގެނެސްދިނުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަންވެސް އެމަނިކުފާނު ވަނީ ދެއްވާފައެވެ.
މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ސަރުކާރުގެ އިސް ބޭފުޅުންވެސް ބައިވެރިވެވަޑައިގަންނަވައެވެ.









