ނިއުކާސަލްއާ ދެކޮޅަށް ކުޅުނު މެޗުގައި ގޯލު ނުޖެހުނު ސަބަބުތަކުގެ ތެރޭގައި ކަރަބާއޯ ކަޕުގެ ބޯޅަ ހިމެނޭ ކަމަށް އަސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފިއެވެ.
އާސެނަލް ވަނީ ކަރަބާއޯ ކަޕުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ނިއުކާސަލް އަތުން 2-0 އިން ބަލިވެފައެވެ. އާސެނަލުން 23 ޝޮޓު ހެދިއިރު ޓާގެޓަށް ދިޔައީ އޭގެ ތެރެއިން އެންމެ 3 ޝޮޓެވެ. ކަރަބާއޯ ކަޕުގައި ބޭނުންކުރަނީ ޕިއުމާގެ ބޯޅައެވެ. އެއީ ޕްރިމިއަރ ލީގުގައި ބޭނުންކުރާ ނައިކީގެ ބޯޅަ އާއި ތަފާތު ބޯޅައެކެވެ.

މިކެލް އަރޓެޓާ ވަނީ އާސެނަލުން ގޯލު ނުޖެހުނު ކަމާމެދު ހިތާމަކޮށްފައެވެ. އަދި ކަރަބާއޯ ކަޕުގައި ބޭނުންކުރާ ބޯޅައަކީ އާސެނަލަށް ގޯލު ނުޖެހުނު ސަބަބު ކަމަށް އޭނާ ބުނެއެވެ.
އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އާސެނަލުން ގިނަ ފުރުސަތުތަކެއް ނަގާލިއެވެ. އެލެކްސެންޑަރ އިސާކް އާއި އެންތޯނީ ގޯޑަންގެ ގޯލުތަކާއި އެކު ނިއުކާސަލްއިން އާސެނަލް ހާސްކޮށްލިއެވެ.

އާސެނަލުން ފުރަތަމަ ހާފުގައި ފޮނުވާލި އެންމެ ނުރައްކާތެރި ހަމަލާ އަކީ ގެބްރިއެލް މާޓިނެލީގެ ޝޮޓެވެ. އެ ބޯޅަ ދިޔައީ ގޯލުގެ ދަނޑީގައި ޖެހިގެންނެވެ. ދެވަނަ ހާފުގައި އާސެނަލްގެ އެންމެ ރަނގަޅު ފުރުސަތު ލިބުނު ކައި ހަވާޓްޒް ބޮލުން ޖެހި ބޯޅަ ދިޔައީ ގޯލުން ބޭރަށެވެ.
އެހެން ގިނަ ޝޮޓުތައް ދިޔައީ ގޯލުން މައްޗަށެވެ. އަރޓެޓާ ވަނީ ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަމުން ކަރަބާއޯ ކަޕުގައި ބޭނުންކުރާ ޕިއުމާގެ ބޯޅައާއި ޕްރިމިއަރ ލީގުގައި ބޭނުންކުރާ ނައިކީގެ ބޯޅައާ ހުރި ތަފާތުތަކަށް އިޝާރާތްކޮށްފައެވެ.









