ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުވަދޫއަށް ކުރައްވާ ތިން ދުވަހުގެ ރަސްމީ ދަތުރުފުޅުގެ ތެރެއިން ގދ. ފިޔޯރީއަށް ވަޑައިގެންފިއެވެ.
އެމަނިކުފާނު ފިޔޯރީއަށް ވަޑައިގަތުމުން ރަށުގެ ރައްޔިތުން ވަނީ އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ކިޔާފައެވެ.
މިއަދު ފެއްޓެވި މި ދަތުރުފުޅުގައި މިހާތަނަށް ރައީސް ވަނީ ހޯނޑެއްދޫ، ނަޑެއްލާ އަދި ވާދޫއަށް ވަޑައިގެންފައެވެ. މި ދަތުރުފުޅުގައި ރައީސް ވަޑައިގަންނަވާނީ ހުވަދުއަތޮޅު ދެކުނުބުރީގެ ފަސް ރަށަކަށާއި، ހުވަދުއަތޮޅު އުތުރުބުރީގެ ހަތަރު ރަށަކަށެވެ.
ފިޔޯރީއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ، ރަށުގެ ޙާލަތާއި ރަށުގެ ތަރައްޤީއަށް ރައްޔިތުން ބޭނުންވާ ކަންކަން އޮޅުން ފިލުވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް މިއަދު ވަޑައިގެންނެވި ތިން ރަށުން ވެސް އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ކިޔާފައިވާއިރު، ރައްޔިތުންނަށް ރައީސް ދެއްވީ އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުތައް ފުއްދަވާނެ ކަމުގެ ޔަޤީންކަމެވެ. އަދި ރައްޔިތުން ބޭނުންވާ ތަރައްޤީގައި ޢަމަލީ ސިފަ ޖައްސަވައިދެއްވާނެ ކަމުގެ ޔަޤީންކަން ވެސް އެމަނިކުފާނު ވަނީ ދެއްވަވާފައެވެ.









