ގދ. ނަޑެއްލާގައި އާ ބަނދަރެއް ހެދުމަށް ކޮންޓްރެކްޓަރެއް ހޯއްދަވަން މި ޖަނަވަރީ މަހުގެ ތެރޭގައި އިޢުލާންކުރައްވާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ހުވަދުއަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ނަޑެއްލާގެ ރައްޔިތުންނާ މުޚާޠަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި، ނަޑެއްލާގައި މިހާރު ބޭނުންކުރަމުންދާ ބަނދަރަކީ 2008 ވަނަ އަހަރު ތަރައްޤީކޮށްފައިވާ، ރަށަށް މިހާރު އައިސްފައިވާ ތަރައްޤީއާއި ނުބައްދަލު ބަނދަރެކެވެ. އާ ބަނދަރުގެ މަސައްކަތް ކުރިއަށް ގެންދަވާނީ، ރަށަށް ދިމާވެފައިވާ ރަށްގިރުމާއި އުދައެރުމުގެ މައްސަލައަށް، އެ މަޝްރޫޢުގެ ތެރެއިން ޙައްލެއް ގެނެވޭނޭ ގޮތަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ނަޑެއްލާގައި ޒަމާނާއި އެކަށީގެންވާ ފެންވަރުގެ އާ މިސްކިތެއް ބިނާކުރުމުގެ މަސައްކަތާއި، ސްކޫލާއި ސިއްޙީ މަރުކަޒަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކުރުމުގެ މަސައްކަތްތައް ވެސް މި އަހަރު ކުރައްވާނޭ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. އަދި ރަށުގެ ޒުވާނުންގެ ކަންބޮޑުވުންތައް ކަމުގައިވާ، ފުޓުބޯޅަ ދަނޑާއި، ފުޓްސަލް ދަނޑާއި، ވޮލީ ދަނޑު އަދި ޒުވާނުންގެ މަރުކަޒުގެ މަސައްކަތް ވެސް މި އަހަރު ފެށޭނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހިރާއްޖޭގައި ފުލުހުންގެ ޚިދުމަތް ނުލިބޭ ހަމައެކަނި ރަށެއްގެ ގޮތުގައި ނަޑެއްލާ އޮވެގެން ނުވާނެ ކަމަށެވެ. އެހެންކަމުން، ނަޑެއްލާގެ ވެސް އާބާދީގެ ނިސްބަތުން ބޭނުންވާ ފެންވަރަށް ޚިދުމަތް ދިނުމަށް ޤާއިމުވެ ތިބޭ ފުލުހުންގެ ޚިދުމަތް ލިބޭނޭ އިންތިޒާމު ހަމަޖައްސަވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.
އެގޮތުން، ނަޑެއްލާގެ ކައުންސިލުން ފާހަގަކުރެއްވި ކަންބޮޑުވުންތަކަށް ޙައްލު ހޯދުމަށް، ވަރަށް ފަރުވާތެރިކަމާއެކު ސަރުކާރުން މަސައްކަތް ކޮށްދެއްވާނޭ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. އަދި ރައްޔިތުންގެ ފަރާތުން އަބަދުވެސް ލިބިވަޑައިގަންނަވާ އެއްބާރުލެއްވުން އެގޮތުގައި ދެއްވަމުން ގެންދެވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.









