ހުވަދު އަތޮޅު ދެކުނުބުރީ ހޯނޑެއްދޫގައި އަމިއްލަ ކުންފުންޏަކުން އަޅާފައިވާ މަސް ފެކްޓްރީގެ މައްސަލައިގައި ކައުންސިލާއި ރައްޔިތުންނާއި މަސްވެރިންގެ ކަންބޮޑުވުމަށް ޙައްލު ހޯއްދަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ހުވަދު އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހޯނޑެއްދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
އެގޮތުން، ހޯނޑެއްދޫގައި އައިސްޕްލާންޓަކާއި މަސް ފެކްޓްރީއެއް ހިންގުމަށް 13.5 ހެކްޓަރުގެ ބިމެއް ދޫކޮށްފައި އޮންނަތާ 20 އަހަރު ވެފައިވާއިރު، މިހާތަނަށް ވެސް އެތަނުގެ ޚިދުމަތް އޮތީ ނުފެށި ހުއްޓިފައެވެ. މި މަސައްކަތް ހަވާލުކޮށްފައި އޮތީ ހޮރައިޒަން ފިޝަރީޒްއާއެވެ.
ރައީސް ވިދާޅުވީ މަޝްރޫޢު ފުރިހަމަވާނީ މަސައްކަތްތައް މުޅިން ނިމި، އޭގެ މަންފާ މަސްވެރިންނާއި، މަސްވެރިކަމުގެ ސިނާޢަތަށް އަދި ރައްޔިތުންނަށް ލިބިގެންކަމަށެވެ. އަދި އެ މަސައްކަތް ކުރާ ކުންފުންޏާއެކު ހެދިފައިވާ އެގްރިމަންޓްގެ ދަށުން ދިމާވެފައިވާ މައްސަލައަށް ދާއިމީ ޙައްލެއް ލިބެންޖެހޭނެކަމަށް ޤަބޫލުކުރައްވާކަމަށާއި، އެކަމަށް ޙައްލު ލިބޭނެކަން ކަށަވަރުކޮށްދެއްވާކަމަށް ރައީސް ވިދާޅުވިއެވެ.
"މިކަމުން މިހާރު ރަށަށް އަދި ސިނާޢަތަށް ވެސް އެކަށީގެންވާ މަންފާއެއް ނުލިބޭ. އެ ބިމުން އެންމެ ރަނގަޅު ނަފާ ލިބޭނެގޮތްތައް ބަލައި، ރައްޔިތުން ބޭނުންވާ ނަތީޖާ ނެރެދޭނަން. ރައްޔިތުންނަށް އެންމެ ފައިދާވާގޮތަށް، މައްސަލައަށް ދާއިމީ ޙައްލެއް ހޯދައިދޭނަން." ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، ރައީސް ވަނީ ހޯނޑެއްދޫގެ އިޚްތިޞާޞްގެ ތެރެއިން، ރަށަށް މަންފާ ލިބޭގޮތަށް ފަޅުރަށެއް ހަމަޖައްސަވައިދެއްވުމަށް މަސައްކަތް ކުރައްވަމުންދާކަމަށް ވިދާޅުވެފައެވެ. އެ މަސައްކަތް އެޓަރނީ ޖެނެރަލްގެ އޮފީހާއެކު ކުރިއަށްގެންދާ ކަމަށާއި، ފަތުރުވެރިކަމާއި އިތުރު އިޤްތިޞާދީ މަންފާ ރަށަށް ހޯދޭނެކަމަށް ރައީސް ވިދާޅުވިއެވެ.
ހޯނޑެއްދޫގެ ތަރައްޤީއަށް ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ގިނަ މަޝްރޫޢުތަކެއް ހިންގުމަށް ރޭވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. މީގެ ތެރޭގައި ބޯހިޔާވަހިކަމުގެ މަޝްރޫޢު ހިންގުމަށް ބަޖެޓުގައި ހިމަނުއްވާފައިވާ ކަމަށާއި، ޒަމާނީ ފެންވަރަށް މަގުތައް ތަރައްޤީކުރުމުގެ މަސައްކަތްތައް ވެސް ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވިއެވެ.
އަދި ރަށުގެ ސިއްޙީ މަރުކަޒު 24 ގަޑިއިރަށް ޚިދުމަތްދޭ ތަނަކަށް ބަދަލުކުރުމަށް ބޭނުންވާ ބަދަލުތައް ގެނައުމާއި، ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް ވެސް މަސައްކަތްތައް ކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.









