މިއަހަރު ވެގެންދާނީ ރަށްރަށަށް ވެވަޑައިގެންފައިވާ ވަޢުދުތަކާއި، މެނިފެސްޓޯގައި ހިމަނުއްވާފައިހުރި ވަޢުދުތައް، ތަރުތީބު ކުރެވިގެން ފުއްދެވުމުގެ ޢަމަލީ މަސައްކަތް ކުރައްވާނެ އަހަރަކަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިހެން ވިދާޅުވީ މިއަދު ހޯނޑެއްދޫ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިއަހަރަކީ ތަރައްޤީގެ ޢަމަލީ މަސައްކަތް ފެށޭނެ އަހަރު ކަމަށް އެމަނިކުފާނު މީގެ ކުރިން ވެސް ވިދާޅުވެފައި ވެއެވެ. އެމަނިކުފާނު ވިދާޅުވި ފަދައިން މިއަހަރު ފެށިގެން މިހާރު ވެސް ތަރައްޤީގެ ކުލަވަރު ދަނީ ފެންނަމުންނެވެ.
ރައީސް ވިދާޅުވީ ހޯނޑެއްދޫއަށް ދިމާވެފައިވާ ރަށްގިރުމާއި އުދައެރުމުގެ މައްސަލައަށް މިއަހަރުގެ ބަޖެޓުން ދާއިމީ ޙައްލެއް ހޯދައިދެއްވާނެކަމަށެވެ. މީގެ އިތުރުން، ތަޢުލީމީ އަދި ޞިއްޙީ ދާއިރާ ކުރިއެރުވުމަށާއި، ކުޅިވަރުގެ ވަސީލަތްތައް ޤާއިމުކުރުމަށް މަސައްކަތް ކުރައްވާނެކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ކައުންސިލްތަކަށް އާމްދަނީ ލިބޭނެ މަގު ފަހިކޮށްދިނުމަށް ސަރުކާރުން މަސައްކަތްކުރައްވާކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ ރަށާއި ކައިރި ފަޅުރަށްތަކުގައި އިންޓަގްރޭޓެޑް ޓޫރިޒަމް ހިންގޭނެ ގޮތަށް ހަމަޖެއްސެވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމުގައެވެ.
ރައީސް އިތުރަށް ވިދާޅުވީ މިއަހަރުގެ ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކުގެ ތެރެއިން ގެދޮރުވެރިކަމާއި ތަޢުލީމަށްފަހު މަގުހެދުމަށް އިސްކަންދެއްވާނެ ކަމަށެވެ. އެގޮތުން، ހޯނޑެއްދޫ މަގުހެދުމުގެ ވަޢުދު މިއަހަރާއި މިއަންނަ އަހަރު ފުއްދަވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މިއަދުގެ ދަތުރުފުޅުގައި ރައީސް މުޢިއްޒު ވަނީ ހޯނޑެއްދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫޢު ރަސްމީކޮށް އިފްތިތާޙުކޮށްދެއްވާފައެވެ. އަދި ބޭންކް އޮފް މޯލްޑިވްސްއިން ހޯނޑެއްދޫގައި އޭ.ޓީ.އެމްއެއް ބެހެއްޓުމަށް އެއްބަސްވުމުގައި ސޮއިކުރެއްވުން ވެސް ކުރިއަށް ގެންދެވިއެވެ.
ރައީސް މުޢިއްޒު ވަނީ އެމަނިކުފާނު ވެވަޑައިގެންނެވި ހުރިހާ ވަޢުދަކީވެސް ފުއްދެވުމަށް ވެވަޑައިގެންފައިވާ ވަޢުދުތަކެއްކަން އަލުން ޔަޤީންކޮށްދެއްވާފައެވެ. އަދި ހޯނޑެއްދޫގެ އެކި ކަންކަމަށް ޙައްލު ގެނެސްދެއްވުމަށް ފުރިހަމަ ސަމާލުކަން ދެއްވައިގެން މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަޤީންކަންވެސް ރައީސް ދެއްވާފައިވެއެވެ.









