ސަރުކާރުން ދިވެހި ކުންފުނިތައް މެދުވެރިކޮށް ހިންގާފައިވާ މަޝްރޫޢުތަކަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން، އަންނަ ހަފުތާގެ ތެރޭގައި 500 މިލިއަން ރުފިޔާ ދޫކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވެފައިވަނީ ހުވަދު އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ގދ. ހޯނޑެއްދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ މި ފައިސާ ދޫކުރެއްވުމުގެ މަޤްޞަދަކީ ކުންފުނިތަކުގެ މާލީ ދަތިކަން ޙައްލުކޮށް، މަސައްކަތްތައް އަވަސްކުރުމަށް އެހީތެރިވުމެވެ.
ރައީސް އިތުރަށް ވިދާޅުވީ 2024 ވަނަ އަހަރަށް ހެދި ބަޖެޓު އޮތީ އައު ސަރުކާރަކަށް މަސައްކަތްތައް ކުރިއަށް ގެންދަން ދަތިވާ ގޮތަށް ކަމަށެވެ. މި ސަބަބާހުރެ ވަރަށް ގިނަ މަސައްކަތްތައް ހުރީ ހުއްޓިފައި ކަމަށާއި، ފަށާފައި ހުރި މަސައްކަތްތައްވެސް ކުރިއަށް ގޮސްފައިވަނީ ވަރަށް ލަސްކޮށް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ފެނަކަ، އާރްޑީސީ، އެމްޓީސީސީ އަދި ވެމްކޯ ފަދަ ކުންފުނިތަކުން، އަމިއްލަ ކުންފުނިތައް މެދުވެރިކޮށް މަސައްކަތްކުރުވާފައި ބޮޑެތި އަދަދުތަކުން ފައިސާ ނުދައްކާ ހުރި ކަމަށެވެ. މި ހުރިހާ ފައިސާއެއް ރޯދަމަހުގެ ކުރިން ދައްކާ ޚަލާޞްކުރުމަށް މަސައްކަތްކުރައްވަމުންދާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ދައުލަތުގެ ދަރަނި 200 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. މީގެ ތެރޭގައި ދިވެހި ކުންފުނިތަކަށް ދައްކަންޖެހޭ 9,000 މިލިއަން ރުފިޔާ ހިމެނޭ ކަމަށާއި، މި ފައިސާގެ ތެރެއިން ސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައި 6.6 ބިލިއަން ރުފިޔާ ވަނީ ދައްކާފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.









